19 Nov 2015, 15:11
ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ގާއިމްކުރާ "ކެތެލެބް"ގެ އުމުރާނީ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކޮށްފި އެވެ.
އައިޖީއެމްއެޗްގައި މިއަދު ބޭއްވުނު ހަފްލާއެއްގައި އައިޖީއެމްޗެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އޮޕަރޭޝަން ޕާސަނަލް ސާވިސަސް މުހައްމަދު ރިޝްވާނެވެ. އެމްއާރްޑިސީގެ ފަރާތުން ސޮއި ކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނާޒިމް އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިޝްވާން ވިދާޅުވީ އެ މަސައްކަތް އެމްއާރްޑީސީ އާއި ހަވާލު ކުރެވޮގެންދިޔައީ 4.4 މިލިއަން ރުފިޔާއަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ކެތެލެބްގެ އަމަލީ މަސައްކަތް ސަރުކާރުގެ ހަރަދުގައި ކުރަން ނިންމާފައިވާ އިރު ސިއްހީ ހިދުމަތްދޭނީ ބޭރުގެ ފަރާތްތަކުން ކަމަށެވެ.
ގާއިމްކުރާ އެކެތެލެބަކީ އެއް ފަހަރާ 10 މީހުންނަށް ފަރުވާދެވޭ ތަނަކަށް ވެގެންދާނެ ކަމަށް ވެސް ރިޝްވާން ވިދާޅުވި އެވެ.
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ނާޒިމް ވިދާޅުވީ އެކެތެލެބުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފެށިގެންދާއިރު ޖެނުއަރީ މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އެކެތެލެބް ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ މެޑިޓްރިނާ ހޮސްޕިޓަލްސްއާ އެވެ.
މެޑިޓްރިނާ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު ޑރ. ޕްރަތާބް ވިދާޅުވީ، ހިތުގެ ބަލިތަކަށް ފަރުވާ ކުރުމަށް ހާއްސަވެފައިވާ އެ އެކުންފުނިން މިހާރު ވެސް 13 ކާޑިއަކް ސެންޓަރު ހިންގަމުން އަންނަ ކަމަށާއި އެ ކުންފުނިން އަބަދު ވެސް ދަނީ ހިތުގެ ބަލިތަކަށް ރަނގަޅަށް ފަރުވާ ދެވެން ނެތް ތަންތަނަށް ކަމަށެވެ. އެގޮތުން ރާއްޖޭގައި ސެންޓަރު ގާއިމް ކުރަން ލިބުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.