21 Apr 2010, 16:14
19:00
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރު ވަޅުލުމުގެ ރަސްމިއްޔާތުގައި ހިނގައިދިޔަ ކަންކަމާއި، ދީނާ ހިލާފަށް ހިނގައިފައިވާ ކަމަށް ބުނާ އިތުރު 17 ކަމެއްގައި އިސްލާމިކް މިނިސްޓްރީގެ ދައުރާ މެދު ސުވާލުކޮށް ޖަމިއްޔަތުއް ސަލަފުން އިސްލާމިކް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފި އެވެ.
ސަރުކާރާއި، ދީނީ އިލްމުވެރިންނާއި އިލްމުވެރިންގެ ގޮތުގައި ފާހަގަކުރަމުންދާ ފަރާތްތަކުގެ އަމަލުތަކާއި، އެމީހުންގެ މަސައްކަތްތައް ދިރާސާކޮށް ބަލަމުންދާ ކަމަށާއި، އަދާލަތު ޕާޓީ ޝާމިލްވާނޭ ގޮތުން އުފެދުނު އިއްތިހާދުގެ ސަރުކާރުން އިސްލާމިކް މިނިސްޓްރީއާ ހަވާލުވި ފަހުން، ގައުމުގެ މަސްރަހުގައި ދީނީ ގޮތުން ތަފާތު ކަންކަން ޝަރީއަތުގެ އަސްލުތަކާ ހިލާފަށް ހިނގާފައި ހުރި ކަމަށް ބުނެ، އެ ކަންކަން ބަލައި ކަމުގެ ހަގީގަތް އިތުރަށް ސާފުކޮށް ރައްޔިތުންނާ ހިއްސާކުމުގެ ގޮތުން 18 ކަމެއްގެ ފުރިހަމަ ތަފްސީލީ މައުލޫމާތު، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ ދަށުން ދިނުމަށް އެ ސިޓީގައި ވަނީ އެދިފަ އެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ އެހެން ކަންކަމުގެ ތެރޭގައި، ގުރުއާން ތަރުޖަމާގެ މައްސަލައިގާ ކަން ހިނގާފައިވާ ގޮތާއި އޭގެ ތަފްސީލާއި މިނިސްޓްރީން ކަންކޮށްފައިވާ ގޮތް ހެއްކާއެކު ބޭނުންވާ ކަމަށާއި، އަދި ވެރިކަމަށާއި، ގާޒީކަމަށް އަންހެނުން ލުމާމެދު އެ މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތާއި، މަސާޖުޕާލާތަކުގެ މައްސަލައިގައި މިހާރު ކަން ހިނގަމުންދާ ގޮތާއި، އަރަބިއްޔާ ސްކޫލްގެ މައްސަލައިގާ މިނިސްޓްރީގެ ދައުރާއި ދީނީ އަރަބި ތައުލީމު ދިފާއުކުރުމަށް މިނިސްޓްރީން އެއްވެސް މަސައްކަތެއް ކޮށްފައިވާނަމަ އެކަމެއް ތަފްސީލާއެކު ދިނުމަށް ވެސް އެދިފައިވެ އެވެ.