އިސްލާމްދީނަށް ގޮވައިލުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާ ގުޅުން ހުރި ކަންތައްތަކުގައި އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެއާ ސަޢުދީ ޢަރަބިއްޔާއިން ސޮއިކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރް އޮފް އިސްލާމިކް އެފެއާޒް، އެންޑޯމެންޓްސް އެންޑް ދާވާ ޞާލިޙު ބިން ޢަބުދުލް ޢަޒީޒު ބިން މުޙައްމަދެވެ. އަދި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރު އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޑރ. ޒިޔާދު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މުސްތަގުބަލުގައި ރާއްޖޭގެ މިސްކިތްތަކާއި އިމާމުންގެ ފެންވަރު މަތިކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

"...މިއެއްބަސްވުމުގެ ދަށުން މުސްތަގުބަލުގައި ސައުދީ ޢަރަބިއްޔާގެ އެހީތެރިކަމާ އެކުގައި ރާއްޖޭގެ މިސްކިތްތައް މިއަށް ވުރެން ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ޒިޔާދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ދީނީ ފޮތްތައް ވެސް މި އެއްބަސްވުމުގެ ދަށުން ސައުދީ ސަރުކާރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ފޯރުކޮށްދޭނީ އިންޓަނެޓުން އެކި އެކި މައުލޫމާތު ހޯދައިގެން ދީނުގެ ނަމުގައި އެކި އެކި ހަރަކާތްތައް ހިންގާ ޒުވާނުންނަށް އިސްލާމީ ރިވެތި އަހުލާގާއި އިސްލާމީ އުސޫލުތައް ދަސްކޮށްދިނުމަށް ބޭނުންވާ ފޮތްތައް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.