ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ފިސްތޯލައެއް ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

"ރަސްމީކޮށް އެ މައްސަލަ ބަލައިގަތީ މިއަދު،" އޮފިޝަލް ވިދާޅުވި އެވެ.

ދިރިއުޅުއްވި އެޕާޓްމަންޓުގައި އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބައެއް ފަރާތްތަކުން ފުލުހުންގެ ތަހުގީގަށް ބަޔާންދީފައިވާކަމަށް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

ހަމްދޫން ވިދާޅުވީ އެމީހުން ކުރިން އެ މައުލޫމާތު ފުލުހުންނަށް ހިއްސާނުކުރީ އޭރުގެ ހާލަތު އޮތްގޮތުން ކަމަށް ބަޔާންދިން މީހުން ބުނެފައިވާ ކަމަށެވެ.

އެ މައްސަލައިގެ އިތުރުން ޕޮލިސް އިންޓެލިޖެންސްގެ ބައެއް އޮފިސަރުންނަށް އަދީބު ރިޝްވަތުދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހަމްދޫން ވިދާޅުވީ ފުލުހުން ބަލައިފާސްކުރި އަދީބާ ގުޅުންހުރި ބައެއް އެޕާޓްމަންޓުތަކުން ޕޮލިސް އިންޓެލިޖެންސްގެ ސިއްރު ރިޕޯޓުތަކެއް ފެނިފައިވާ ކަމަށެވެ.

އަދީބު ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ބޮންގޮއްވާލުމުގައި އެމަނިކުފާނުގެ ބައިވެރިވުމެއް އޮތްކަމުގެ ތުހުމަތުގައެވެ.