19 Nov 2015, 13:50
އައްޑޫ ސިޓީ ހިތަދޫގައި އެކްސިޑެންޓެއްގައި ހިނގާ 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި ހިތަދޫ ބޮޑު މަގުގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އެ ވަގުތު ސައިކަލު ދުއްވަން އިން ހިތަދޫ، ޓިނުޖެހިގޭ، ނަވާލު މުހައްމަދު، 17، އާ އޭނާގެ ސައިކަލު ފަހަތުގައި އިން 14 އަހަރުގެ ކުއްޖަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޮފިޝަލު ވިދާޅުވީ އެ ދެ ކުދިން ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އެކްސިޑެންޓުވި އަނެއް ސައިކަލުގައި ވެސް ދެ މީހުން ތިބި ކަމަށާއި ނަމަވެސް އެ ދެ މީހުންނަށް ވެސް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެކްސިޑެންޓުވި ދެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާއަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. ނަމަވެސް 17 އަހަރުގެ ކުއްޖާގެ މޫނަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭނާ އޮތީ އައިސީޔޫގައި ކަމަށް އޮފިޝަލު ވިދާޅުވި އެވެ.