20 Nov 2015, 11:36
ފޭރަކީ ކާލަން މީރު އަދި ހަމައެހާމެ ގަދަ މީރުވަހެއް އެކުލެވިގެންވާ މޭވާއެކެވެ. ފޭރެއް ދޮންވެއްޖެ ނަމަ މުޅި ހިސާބުގަނޑުގައި އޭގެ މީރުވަސް ހިފާފައި ހުރެއެވެ. ފޭރެއް ދޮން ވެއްޖެ ނަމަ ސިއްރެއް ނުކުރެވޭނެ އެ ބުނަނީ އެހެންވެ ކަމަށްވެސް ވެދާނެއެވެ.
މީރު ވަހާއި އެއްކޮށް ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް މި މޭވާގައި އެކުލެވިގެންވެއެވެ. އެގޮތުން 80 އިންސައްތައަށް ފެން އެކުލެވިގެންވާ މި މޭވާ ކެއުމުން ސިއްހަތަށް އެތަކެއް ފައިދާތަކެއް ލިބިދެއެވެ.
އެގޮތުން ފޭރު ކެއުމުން ހަށިގަނޑަށް ލިބޭ ފައިދާ ތަކުގެތެރޭގައި؛
ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ
ފޭރުގައި ގިނަ އަދަދަކަށް "ވިޓަމިން ސީ" އެކުލެވިގެން ވެއެވެ. އެގޮތުން އޮރެންޖެއްގައި ވިޓަމިންސީ އެކުލެވިގެންވާ އަދަދުގެ ހަތަރު ގުނައަށް ފޭރުގައި ވިޓަމިންސީ އެކުލެވިގެން ވެއެވެ. ވިޓަމިން ސީއަކީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށް ދީ ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށް ދޭ މާއްދާއެކެވެ.

ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ
ފޭރުގައި "ލައިކޯޕީން" އަދި "ކުއާސެޓިން" ފަދަ އެންޓިއޮކްސިޑެންޓް އެކުލެވިގެންވެ އެވެ. ހަށިގަނޑުގައި އުފެދޭ ކެންސަރު ސެލްތަކަށް މި މާއްދާތަކުގެ ސަބަބުން ނުރައްކާވެ އެވެ. އެގޮތުން ފޭރު ކެއުމުގެ ސަބަބުން އުރަމަތީ ކެންސަރުފަދަ ނުރައްކާތެރި ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
ލޮލުގެ ފެނުން ރަނގަޅުކޮށްދޭ
ފޭރުގައި ލޮލަށް ބޭނުންވާ މާއްދައެއް ކަމަށްވާ "ވިޓަމިން އޭ" އެކުލެވިގެން ވެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުމުގެ ހިއްސު ދަށްވުން ކުޑަކޮށްދީ ލޮލުގެ ފެނުން ކުރިއަށްވުރެ ރަނގަޅު ކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ފޭރުގައި ފޯލިކު އެސިޑު ހިމެނޭ
ފޯލިކު އެސިޑަކީ މާބަނޑު ދުވަސްވަރު ކޮންމެހެންވެސް ކާން ޖެހޭ އެއްޗެކެވެ. އެއީ ބަނޑުގައިވާ ދަރިޅުގެ ނާރުތައް އައިބުކަމެއް ނެތި އުފެދުމަށް އެހީތެރިވާ މާއްދާއެކެވެ. މި މާއްދާ ފޭރުގައިވެސް ހިމެނެއެވެ. އެހެންކަމުން މާބަނޑު އިރު ފޭރު ކެއުން ވަރަށް މުހިއްމެވެ.
ފޭރަކީ ސިކުނޑިއަށް ރަނގަޅު މޭވައެއް
ސިކުނޑިއަށް ލޭ ފޯރުކޮށްދިނުން ރަނގަޅު ކުރުމަށާއި ވިސްނުމަށް އަދި ނާރުތަކުގެ ރިލެކްޒޭޝަން އަށް ބޭނުންވާ "ވިޓަމިން ބީ3" އަދި "ވިޓަމިން ބީ6" ފޭރުގައި އެކުލެވިގެން ވެއެެވެ.
ބަރުދަން ލުއި ކޮށްދޭ
އޮރެންޖު އާފަލު އަދި މޭބިސްކަދުރު ފަދަ މޭވާ ތަކުގައި ހުންނަ ހަކުރުގެ މިންވަރާ އަޅައި ބަލާއިރު ފޭރުގައި އެކުލެވިގެންވާ ހަކުރުގެ މިންވަރު ދަށެވެ. އަދި މިއީ ބަނޑުހައިކަން ވަރަށް އަވަހަށް ފިލުވާލަދޭ މޭވާއެއްކަމުން ބަރުދަން ލުއި ކުރުމަށްވެސް ފޭރު ބޭނުން ކުރެވިދާނެއެވެ.

ރޯގާއާއި އެެހެނިހެން ވައިރަލް އިންފެކްޝަނަށް ފޭރު
ގިނަ އަދަދަކަށް "ވިޓަމިން ސީ" އާއި ދަނގަޑުގެ މާއްދާ އެކުލެވިގެންވާ ފޭރަކީ ރޯގާއާއި ވައިރަލް އިންފެކްޝަނަށް އޮތް ފަރުވާއެކެވެ. އެގޮތުން ދޮން ނުވާ ފޭރެއްގެ ޖޫސް ނުވަތަ ފޭރު ގަހުގެ ފަތުން ކެއްސުމާއި ރޯގާގެ ކަންތަކަށް ހައްލު ލިބޭނެއެވެ.