19 Nov 2015, 12:58
ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅުން ހުރި 361 މައްސަލައެއް މި އަހަރުގެ މިހާތަނަށް އައި އިރު ފުލުހުނަށް ހުށަހަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅުވައިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކުދިންނާ ގުޅުން ހުރި މުއައްސަސާތަކަށް މިއަހަރު ވެސް ކުޑަ ކުދިންނަށް އަނިޔާކޮށްގެން ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށެވެ.
ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތައް
- މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް : 97 މައްސަލަ
- ފެމިލީ ޕްރޮޓެެކްޝަން އޮތޯރިޓީއަށް : 103 މައްސަލަ
- މޯލްޑިވްސް ޕޮލިސް ސާވިސްއަށް : 361 މައްސަލަ
އެޗުއާރުސީއެމްގެ ބަޔާޏުގައި ބުނެފައި ވަނީ ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ޖިންސީގޯނާގެ މައްސަލަތަކާއި ކުޑަކުދިންނާ މެދު އެ ކުދިންގެ ބެލެނިވެރިން އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ބުނާ މައްސަަލަތަކާއި މައިންބަފައިންގެ ފަރާތުން ކުޑަކުދިންނަށް ލިބެން ޖެހޭ ރައްކާތެރިކަމާއި އަޅާލުން ނުލިބޭ މައްސަަލަތައް ހިމެނޭ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާފައިވާ ފެމިލީ އެންޑް ޗިލްޑްރެން ސާވިސްތަކުގެ ފެންވަރު ރަނގަޅުކޮށް އެތަންތަނަށް ބޭނުންވާ ފަންނީ މީހުން ތަމްރީނު ކުރުމަށް ވެސް އެޗްއާރުސީއެމުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.