19 Nov 2015, 13:19
މި އަހަރުގެ މާޗު މަހުގެ ފަހުން ޔަމަނު ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 5،700ށް އަރާފައިވާ ކަމަށް އދ. ބުނެފި އެވެ.
އދ. އިން ޔަމަނަށް ހާއްސަކޮށްފައި ހުންނަ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު ޖޮހަނަސް ވެންޑަ ކުލޯ ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި 830 އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔަމަނުގެ އާއްމު ހާލަތު ދަނީ ދުވަހުން ދުވަހަށް ދަށްވަމުންނެވެ. އެގޮތުން އިންސާނީ އެހީއަށް ބޭނުންވެފައިވާ 21.2 މިލިއަން މީހުން ޔަމަނުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޔަމަނުގެ އާބާދީގެ 82 އިންސައްތަ މީހުންނެވެ. މީގެ އިތުރުން ސިއްހީ ހިދުމަތް ނުލިބޭ 14 މިލިއަން މީހުންނާއި ތައުލީމު ހާސިލް ކުރަން ނުކުޅެދިފައި ތިބި 1.8 މިލިއަން ކުޑަކުދިން އެ ގައުމުގައި ދިރިއުޅޭ ކަމަށް ވެންޑަ ކުލޯ ފާހަގަ ކުރެއްވި އެވެ.
މަރުވި 5،700 މީހުންގެ ތެރޭގައި ހިމެނެނީ ކިތައް އާއްމުން ކަމެއް ނުވަތަ ކިތައް ހަނގުރާމަ ވެރިން ކަމެއް ވެންޑަ ކުލޯ ހާމަކުރައްވާފައި ނުވެ އެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހު އދ. ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޔަމަނަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ 2،600 ކުށެއް ނެތް އާއްމުން ވަނީ މަރުވެފަ އެވެ.
ސައުދި އަރަބިއާ އިން އިސްވެ އޮވެ ހެދި ކޯލިޝަން އިން ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ހަމަލާ ދޭން ފަށާފައި ވަނީ މި އަހަރުގެ މާޗު މަހު އެވެ. ހޫޘީންވަނީ ޔަމަނުގެ ގިން ސަރަހައްދުތަކަށް ވެރިވެފަ އެވެ.
ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާއާއި ބޭހާއި އެހެނިހެން ވަސީލަތްތަށް ފޯރު ކޮށްދިނުމަށް ވަނީ ހުރަސް އެޅިފަ އެވެ.
ހަނގުރާމަ ފެށުނު ފަހުން ޔަމަނުގެ 2.3 މިލިއަން މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ގޮސްފަ އެވެ. އަދި 120،000 މީހުން ވަނީ ގައުމު ދޫކޮށް ގޮސްފަ އެވެ.
މައުލޫމާތު: އަލްޖަޒީރާ