19 Nov 2015, 12:24
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑްވިސް (ބީއެމްއެލް)ގެ ހިދުމަތްތައް ބޭރުގެ ގައުމުތަކަށް ފުޅާކުރުމަށް ވިސްނަމުންދާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އޭޝީއަން ބޭންކާސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާފައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލްގެ ވިޔަފާރި ބޭރުގެ ގައުމުތަކަށް ފުޅާކުރުމުގެ މަގްސަދަކީ ދިވެހި ކަސްޓަމަރުންނަށް ފައިދާތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން އެ ބޭންކްގެ ބޯޑުން ދެކޭ ގޮތުގައި މިވަގުތު އެ ބޭންކުން ވަނީ ރާއްޖެ އިން ބޭރަށް ހިދުމަތް ދޭން ފެށޭނެ ހާލަތެއްގައި ކަމަށާއި ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭ އެފަދަ މާކެޓްތައް ބަލަމުންދާނެ ކަމަށް ހީލީ ވިދާޅުވި އެވެ.
"ރާއްޖެ އިން ބޭރަށް ހިދުމަތް ފުޅާކުރުމުން ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތަކަށް އިތުރަށް ފައިސާ ލިބި އެއާ އެކު އަގުހެޔޮ ފަންޑްތައް ލިބި މީގެ ފައިސާ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ." ހީލީ ވިދާޅުވި އެވެ.
ހީލީ ވިދާޅުވީ މައިގަނޑު އަމާޒަކީ ރާއްޖެއިންދޭ ހިދުމަތް ފުޅާ ކުރުން ކަމަށާއި އެގޮތުން ލޯނު ޕޯޓްފޯލިއޯ އާއި ބުރާންޗުތަކާއި އޭޓީއެމް އަދި ކޭޝް އެޖެންޓް ނެޓްވޯކް ފުޅާވަމުން ދިއުން ދައްކުވައިދެނީ ބީއެމްއެލް އިން ވި ވައުދު އެއްގޮތަށް ކަންކަން ކުރަމުންދާކަން ކަމަށެވެ.
ބީއެމްއެލްއަށް މި އަހަރުގެ ތިން ވަނަ ކުއާޓާގައި ވަނީ ސާފު ފައިދާގެ ގޮތުގައި 159 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ އޭގެ ކުރީ ކުއާޓާއާ އަޅާބަލާ އިރު 38 ޕަސެންޓް އިތުރު އަދަދެކެވެ.