ފީފާގެ އެތިކްސް ކޮމެޓީން ބަލަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން 90 ދުވަހަށް ސަސްޕެންޑްކޮށްފައިވާ ފީފާގެ ރައީސް ސެޕް ބްލެޓާ އާއި ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓިނީ އެ މައްސަލަ އިސްތިއުނާފް ކުރެއްވި ނަމަވެސް ބަލައިނުގަންނަން ފީފާގެ އެޕީލް ކޮމެޓީން ނިންމައިފިއެވެ.

އެޕީލް ކޮމިޓީން މިގޮތަށް ނިންމީ ބްލެޓާ އާއި ޕްލެޓިނީ އެ މައްސަލަ އިސްތިއުނާފު ކުރުމުން، އެކަމާ މެދު ގޮތެއް ނިންމަން ބޭއްވި ބައްދަލުވުމުގަ އެވެ. ނަމަވެސް ފީފާ އިން ސަސްޕެންޝަނަށް ބަދަލެއް ނުގެނައުމުން، ބްލެޓާއާއި ޕްލެޓްނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި އިސްތިއުނާފްކުރާނެ އެވެ.

ޕްލެޓިނީއަށް 90 ދުވަހުގެ ސަސްޕެންޝަނެއް ދީފައިވާއިރު، އޭނާއަކީ އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގެ އެ އިދާރާގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ބޭފުޅެކެވެ.

"އެޕީލް ކޮމެޓީގެ ނިންމުން ބަލައެއް ނުގަންނަން. މިއީ ސީދާ ޕްލެޓިނީގެ ކެމްޕެއިނަށް ހުރަސް އެޅުމުގެ ގޮތުން ކުރާކަމެއް. އަހަރުމެން އުއްމީދުކުރަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން މިކަމަށް ހަލެއް ހޯދާދޭނެ ކަމަށް" ޕްލެޓިނީގެ ވަކީލު ވިދާޅުވިއެވެ.

ފީފާގެ އިންތިހާބު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، ޕްލެޓިނީއަށް ދީފައިވާ އަދަބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ހަމަވާނެއެވެ. ނަމަވެސް، މިހާރު ބަލަމުންދާ މައްސަލައާ ގުޅިގެން އެތިކްސް ކޮމެޓީން ޕްލެޓިނީއަށް 45 ދުވަހުގެ ސަސްޕެންޝަނެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެހެން ކަމަށްވާނަމަ އޭނާއަށް އިންތިހާބުގައި ވާދަނުކުރެވޭނެއެވެ.

ޕްލެޓިނީ އަށް ފެބްރުއަރީ މަހު އޮންނަ ފީފާގެ އިންތިހާބުގައި ވާދަކުރެއްވޭނީ ސަސްޕެންޝަނުން ސަލާމަތްވެގެންނެވެ.

ބްލެޓާ އާއި ޕްލެޓްނީއާ ގުޅޭގޮތުން މިހާރު ތަހުގީގު ކުރަމުން އަންނަނީ ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ އަށް ފީފާގެ ބަޖެޓުން ބްލެޓާ ދޫކުރެއްވި ދެ މިލިއަން ޑޮލަރުގެ މައްސަލަ އެވެ. އެ ފައިސާ އަކީ އޭގެ މާ ކުރިން ޕްލެޓިނީ ކުރެއްވި މަސައްކަތަކަށް ދޭން ޖެހޭ އުޖޫރުއައެކެވެ.

ފީފާގެ ކޮރަޕްޝަނުގެ މައްސަލަ އެމެރިކާ އިން މިދިޔަ ޖޫން މަހު ތަހުގީގުކުރަން ފެށުމާ އެކު ބްލެޓާ ވަނީ އިސްތިއުފާ ދެއްވާނެކަން އިއުލާންކުރައްވައިފަ އެވެ. އެއާ އެކު ފެބްރުއަރީ މަހު އާ އިންތިހާބު ބާއްވަން ފީފާގެ އެކްސްކޯ އިން ވަނީ ނިންމައިފަ އެވެ. އާ އިންތިހާބުގައި ބްލެޓާ ވާދަނުކުރައްވާނެ އެވެ.