19 Nov 2015, 11:18
ސްރީލަންކާގައި ދިވެއްސަކަަށް މަގުމަތީގައި ބަޔަކު ހަމަލާދިންކަން ކަށަވަރު ނުވާ ކަމަށާއި އޭނާ ޒަހަމްވީ އެކްސިޑެންޓަކުން ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
ތ. ވިލުފުށީ ކެނެރީމާގޭ އުމުރުން 45 އަހަރުގެ ނޫރައްދީނަށް ހަމަލާދިނުމުގެ އޭނާއަށް ސްރީލަންކާގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ވިދާޅުވީ ނޫރައްދީންގެ އާއިލާއިންނެވެ.
އެ މައްސަލައާ ގުޅިގެން ސްރީލަންކާގެ ނޫހެއް ކަމަށްވާ ކޮލަމްބޯ ޕޭޖަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑއަޅުއްވާފައި ހުއްނަވާ ސަފީރު ޒާހިޔާ ޒަރީރު ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައި ވަނީ ނޫރައްދީނަށް ހަމަލާދިން ކަމަށް ބުނެފައިވީ ނަމަވެސް އަދި އެއީ ހަމަލާއެއްކަން ޔަގީން ނުވާ ކަމަށެވެ.
ސްރީލަންކާގެ ފުލުހުންނާ ހަވާލާ ދެއްވާ ޒާހިޔާ ވިދާޅުވީ އެއީ އެކްސިޑެންޓެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނޫރައްދީނުގެ އާއިލާއިން ބުނެފައި ވަނީ އޭނާއަށް ހަމަލާދީފައިވަނީ ވިޔަފާރިކޮށްގެން އޮޓޯގައި ގެއަށް ދިޔަ މަގުމަތީގައި އެމެރިކާ އެމްބަސީ ކައިރިން ކަމަށެވެ.
ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ އާއިލާއިން މީގެ ކުރިން ބުނެފައި ވަނީ ނޫރައްދީންގެ ބޮލުގެ ފުރަގަހަށް ހަމަލާދިނުމަށް ފަހު އޮޓޯ ތެރެއަށް އޭނާ އެއްލާލީ ކަމަށެވެ.
ސްރީލަންކާގައި ދިވެއްސަކަށް ހަމަލާދިންކަމަށް ބުނެ ވާހަކަތައް ދެކެވިފައި މިވަނީ ހ. ހަންޑްރެޑް ފްލާވާސް ހުސެއިން ރަޒީން (ރަބަރޭ) އެގައުމުގައި މަރާލާފައި އޮއްވައި ފެނުނުތާ ދުވަސްކޮޅެއް ފަހުންނެވެ.