19 Nov 2015, 11:38
ޓެކްސަސް (ނޮވެމްބަރ 19):އެމެރިކާގެ އިރުމަތީ ޓެކްސަސްގައި ތިން ކުޑަކުދިން މަރާލި ކަމުގެ ކުށް ސާބިތުވެ މީހަކަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
ރަފައެލް ހޮލިޑޭ ނަމަކަށް ކިޔާ އެމީހާއަށް މަރުގެ އަދަބުދީފައި ވަނީ ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ.
ހޮލިޑޭ މަރާލާފައިވަނީ އޭނާގެ 18 މަހުގެ އަންހެން ދަރިފުޅު ޖަސްޓިސްއާއި، އޭނާގެ ކުރީގެ އަންހެނުންނަށް އެހެން ކައިވެންޏަކުން ލިބިފައި ތިބި ދެ އަންހެން ކުދިން ކަމަށްވާ ހަތް އަހަރުގެ ޓޭރާ ލިންޗް އާއި ފަސް އަހަރުގެ ޖޭޒްމިން ޑުޕޯލް މަރާލިކަން ޝަރީއަތަށް ސާބިތުވުމުންނެވެ. އެ ހާދިސާ ހިނގާފައި ވަނީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ.
ކޯޓު ރިކޯޑުތައް ދައްކާ ގޮތުން ހާދިސާ ހިނގި ދުވަހު ހޮލިޑޭ އޭނާގެ އާއިލާއާ އެއްކޮށް ދިރިއުޅެމުން އައި ގެޔަށް ގޮސްފައި ވަނީ، ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކަށް އޭނާ ޖިންސީ ގޯނާ ކުރުމުގެ ސަބަބުން އެކުދިންގެ މަންމަ ހޮލިޑޭއާ ދެކޮޅަށް ރައްކާތެރިކަމުގެ ކޯޓު އޯޑާއެއް ނަގާފައި ވަނިކޮށެވެ.
ޓެކްސާސްގައި ހުންނަ އެގެއަށް ގޮސް ހޮލިޑޭ ވަނީ ކުޑަކުދިންގެ މާމައަށް ބަޑި އަކުން ބިރު ދައްކައިގެން ގޭގެ އެތެރެ އަށް ގޭސޮލިން އެޅުމަށް މަޖުބޫރު ކޮށްފަ އެވެ. ގޭގައި އަލިފާން ރޯވުމުން އޭނާ މަސައްކަތް ކުރީ ކާރަކަށް އަރައިގެން ސަލާމަތްވުމަށެވެ. ނަމަވެސް އެ ކާރު އެކްސިޑެންޓު ވުމުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ.
ޓެކްސަސްގެ ޑިޕާންޓުމެންޓް އޮފް ކްރިމިނަލް ޖަސްޓިސް ޕޮލަންސްކީ ޔުނިޓުގައި ހުރެ އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަ ދައްކަމުން ހޮލިޑޭ ބުނެފައިވާ ގޮތުގައި އެ ގޭގައި ރޯވީ ގޮތެއް އޭނާ އަކަށް ނޭގެ އެވެ.
"އަހަރެންގެ ދަރިން ދެކެ އަހަރެން ލޯބިވިން. އެކުދިންނަށް އެއްވެސް އަނިޔާއެއް އަހަރެން ދީފައި ނުވާނެ،" ހޮލިޑޭ ބުންޏެވެ.
ކޯޓުގައި އޭނާގެ ކުށް ސާބިތު ވެފައިވަނީ ކުދިންގެ މާމަގެ ހެކި ބަހުންނާއި އެނޫން ވެސް ގިނަ ހެކި ހޮލިޑޭއާ ދެކޮޅަށް ހުރުމުންނެވެ.
ހޮލިޑޭ އަކީ ޓެކްސަސް ގައި މި އަހަރު މަރުގެ ހުކުމް ތަންފީޒު ކުރި 13 ވަނަ މީހާ އެވެ. 2014އިގައި ޓެކްސަސް އިން ވަނީ 10 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ.
މައުލޫމާތު: އޭޕީ