19 Nov 2015, 10:25
މަޝްހޫރު އިންސްޓެންޓް މެސެޖިން ޕްލެޓްފޯމް ކަމަށްވާ "ޓެލެގްރާމް" އިން އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި 78 ޗެނަލެއް މިހަފްތާގެ ތެރޭގައި ބްލޮކް ކޮށްލާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ޓެލެގްރާމްގެ އޮފިޝަލް ޓުވިޓާ އެކައުންޓްގައި އެ ކުންފުނިން ބުނެފައި ވަނީ ބްލޮކް ކުރި ޗެނަލްތަކަކީ 12 ބަހުން ދުނިޔޭގެ އެކި ސަރަހައްދުތަކުން ހުޅުވާފައިވާ ޗެނަލްތަކެއް ކަމަށެވެ.
ޓެލެގްރާމް ސައިޓުގައި އެ ކުންފުނިން ރޭގައި ނެރުން ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޓެލެގްރާމްގެ ޕަބްލިކް ޗެނަލްތައް ބޭނުންކޮށްގެން އައިއެސް އިން ޕްރޮޕެގެންޑާތައް ފަތުރަން އުޅޭ ކަމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ޓެރަރިސްޓް އަމަލުތައް ހުއްޓުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް ކޮންމެ ފަދަ މަސައްކަތެއް ކުރާނަން. އެހެންވި ނަމަވެސް އެއްވެސް ކަސްޓަމަރެއް އޭނާގެ އަމިއްލަ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމެއް އަޅުގަނޑުމެނެއް ނިގުޅައެއް ނުގަންނާން،" ޓެލެގްރާމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
މި ދިޔަ ހުކުރު ދުވަހުގެ ރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ދިން 129 މީހުން މަރުވި ޓެރަރިސްޓު ހަމަލާތަކަށް ފަހު، އެ ހަމަލާތަކުގެ ޒިންމާނަގާފައިވާ އައިއެސްއާ ދެކޮޅަށް ވަރުގަދަ ސައިބާ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ބައިނަލްއަގްވާމީ ހެކަރުންގެ ނެޓްވޯކެއް ކަމަށްވާ 'އެނޮނިމަސް'އިން ހަނގުރާމަ އިއުލާންކޮށްފައި ވަނީ މީގެ ދެދުވަސް ކުރިންނެވެ.
އެގޮތުން އެނޮނިމަސްއިން ބުނެފައިވާ ގޮތުގައި އެ ގްރޫޕުން ވަނީ، އައިއެސްއާ ގުޅުން ހުރިކަމަށް ބެލެވޭ، 39,000 ޓްވިޓާ އެކައުންޓެއް ރިޕޯޓުކޮށްފަ އެވެ. އަދި އޭގެ ތެރޭން 25،000 އެކައުންޓް މިހާތަނަށް ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އިތުރު 14,000 އެކައުންޓް މިހާރު ވެސް ލިސްޓްގައި ހިމެނޭ ކަމަށް އެނޮނިމަސްއިން ބުނެފައިވެ އެވެ.