ޒުވާނުން ރަނގަޅުގޮތުގައި ބޮޑުވާނެ ސޯލިޙު ވެއްޓެއް ބޭނުންވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ އިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޑރ. ޒިޔާދު ވިދާޅުވީ ޒުވާނުންނަށް ގޭތެރެއިންނާއި މަދުރަސާއިން ރަނގަޅު ނަމޫނާ ފެންނަން ޖެހޭ ކަމަށެވެ.

"... ޒުވާނުންނަށް ބޭނުންވަނީ ރީތި ނަމޫނާއެއް. މިރީތި ނަމޫނާ އެކުދިންނަށް އެކުދިންގެ ގޭތެރެއިންނާ މަދަރުސާއިންނާ މުޖުތަމައުން ފެންނަން ޖެހޭ. އިލްމުވެރިންގެ ނަސޭހަތުން އެކަން ހާމަވެގެން ދާން ޖެހޭ. ހަބަރު ފަތުރާ ވަސީލަތްތަކުގެ ތަފާތު ޕްރޮގްރާމްތަކުން ތަނަވަސް ވާން ޖެހޭ. މީގެ އިތުރުން ޒުވާނުންނަށް އެމީހުން ރަނގަޅު ގޮތުގައި ބޮޑުވާނެ ޞާލިޙު ވެއްޓެއް މިއަދު ވަނީ ބޭނުންވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ހުރިހައި ތަނެއްގައި ވެސް އެފަދަ ވެއްޓެއް ގާއިމް ކުރެވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ޑރ. ޒިޔާދު ވިދާޅުވި އެވެ. ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައި ގަނެވޭނީ އެކުދިންގެ ހަށިތަކަށް އަޅައި ލެވޭ ވަރަށް ވުރެ ބޮޑަށް އެކުދިންގެ ސިކުނޑިއަށާއި ވިސްނުމަށާއި އަގީދާއަށާއި އަގުތަކަށް އަޅައިލެވިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"... ޒުވާނުންގެ ހަށިތައް ވަރުގަދަވާން ބޭނުންވާ މިންވަރަށް އެމީހުންގެ ރޫޙު ވެސް ވަރުގަދަވާން ޖެހޭތީވެ، އެމީހުންގެ ވިސްނުން ވެސް ހަރުދަނާ ވާން ޖެހޭތީ،" ޑރ. ޒިޔާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިސްލާމިކް މިނިސްޓްރީން އިސްކަން ދޭނީ ހަމަ އެކަނި ދީނީ ދަރުސް ދިނުމަށް ނޫން ކަމަށާއި އަމަލީ ގޮތުން ޒުވާނުން ބައިވެރިވެގެން ހިންގާ ހަރަކާތްތަކަށް ކަމަށެވެ. އެގޮތުން ޒުވާނުންގެ ކިބައިގައި ދީނީ ރަނގަޅު ސްލޫކެއް އުފެއްދޭތޯ މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަޢުދީ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން އިންތިޒާމްކުރި އިލްމުވެރިންގެ މަހާސިންތާގައި ދެ ގައުމުގެ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ސަޢުދީ ސަރުކާރާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ވެސް ރާއްޖޭގައި ވަނީ މަހާސިންތާއެއް ބާއްވާފަ އެވެ. އެ މަހާސިންތާގައި ބަޙުސް ކުރީ އިސްލާމްދީނުގައި އޮންނަ މެދުމިނުގެ އުސޫލުތަކާ ބެހޭ ގޮތުންނެވެ. މިއަދު ބާއްވާ މަހާސިންތާގައި ވާހަކަ ދައްކާނީ "ބަދަލުވަމުންދާ ދުނިޔޭގައި ޒުވާނުން" މި މައުލޫއު އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.