ޒުވާނުންގެ މެދުގައި މަގުބޫލު އެނާޖީ ޑްރިންކް ރެޑް ބުލް މާލޭ ބާޒާރުން މުޅިން ހުސްވެއްޖެ އެވެ.
ރެޑް ބުލް ރާއްޖެއަށް އެތެރެކުރާ ޔޫރޯ ސްޓޯރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރެޑް ބުލްގެ ސްޓޮކް ހުސްވެފައި ހުންނަތާ ފަސް ދުވަސްވަރު ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރެޑް ބުލް ބާޒާރުން އެއްކޮށް ހުސްވެ، ފޯރުކޮށް ދިނުމުހައި ބޮޑު ތާށިކަމެއް އައީ އެންމެ ފަހުން އޯޑަރު ކުރި ރެޑްބުލްގެ ސިޕްމަންޓް ލިބުން ލަސްވުމުން ކަމަށެވެ.
"މިހާރު ފަސް ވަރަކަށް ދުވަސް ވެދާނެ އެއްވެސް ވަރަކަށް ރެޑް ބުލް މި ކޮޅުގައި ނެތް ތާ. ވީގޮތަކީ ފަހުން އޯޑަރު ކުރި ޝިޕްމަންޓް ބޯޓަށް އަރުވާފައި ހުއްޓާ އެކޮޅުގައި ތާށިވީމަ ލަސްވެގެން މި އުޅެނީ،" އޮފިޝަލް ވިދާޅުވި އެވެ.

ފަހަކަށް އައިސް ރެޑްބްލްވެފައި ވަނީ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ބުއިމަށެވެ. ބާޒާރުން ރެޑްބްލްގެ ހުސްވުމާ ގުޅިގެން، އެ ބުއިމަށް ދެވިހިފާފައިވާ ގިނަ ޒުވާނުން އެކަމުގެ ޝަކުވާތައް ފިހާރަތަކުގައި ކުރާ ކަމަށް ވެއެވެ.
"މިހާރު ދެތިން ދުވަސް ވެއްޖެ ރެޑް ުލްކޮޅެއް އަރުތެރޭގައި ނުޖެހޭ ތާ. އަސްލު މުޅި ދުވަސް އެއްކޮށް މިދަނީ ވަރަށް ސަކަރާތްކޮށް. އެންމެ ކުޑަމިނުން ދަޅެއް ލިބޭ ނަމަވެސް އޯކޭ. އުންމީދު މި ކުރަނީ އަވަހަށް ލިބޭނެ ކަމަށް،" ދިވެހި ބޭންކުގައި ވަޒީފާ އަދާކުރާ ޒުވާނަކު ބުންޏެވެ.

ޔޫރޯ ސްޓޯރުން ރެޑް ބުލް ރާއްޖޭގެ ބާޒާރަށް ތައާރަފް ކުރީ މީގެ ފަސް އަހަރެއްހާ ދުވަސް ކުރިންނެވެ.