19 Nov 2015, 10:02
މިސީޒަންގައި އަނިޔާގެ ބައެއް މައްސަލަތައް ކުރިމަތިވެފައިވާ އޭސީ މިލާންގެ ފޯވަޑް މާރިއޯ ބަލޮޓެލީގެ ސާޖަރީ އަށް ފަހު އޭނާ އަށް ދަނޑަށް ނިކުމެވޭ ވަރުވާނީ ހަތަރު ހަފުތާއަށް ފަހުން ކަމަށް އޭސީމިލާން އިން ބުނެފި އެވެ.
މިދިޔަ ހޫނު މޫސުމުގެ ޓާރާންސާފާ ޕީރިއަޑްގައި އޭސީ މިލާންއާ ގުޅުނު ފޯވަޑް މިދިޔަ ސެޕްޓެމްބަރު މަހު 27 ވަނަ ދުވަހު ގެނޯއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މިހާތަނަށް މެޗެއް ކުޅެފައެއް ނުވެ އެވެ.
އޭސީމިލާންގެ ބަޔާނުގައި ބުނެފައި ވަނީ ބަލޮޓެލީގެ އުކުޅުވަޅަށް ލިބުނު އަނިޔާއާ ގުޅިގެން ޖަރުމަންގެ މިޔުނުކްގައި އިއްޔަ ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށާއި އިތުރު މައްސަލައެއް ދިމާ ނުވާ ކަމަށްވާ ނަމަ ރިކަވާމެންޓް ހަތަރު ހަފުތާގައި ފުރިހަމަ ކުރެވޭނެ ކަމަށެވެ.
މިސީޒަންގައި ބަލޮޓެލީ ކުޅެފައި ވަނީ އެންމެ ހަތަރު މެޗެވެ.
ބެލެވޭ ގޮތުގައި އޭނާ ދެން ކުޅން ނިކުންނާނީ އަންނަ އަހަރު އެވެ.
މިދިޔަ ސީޒަންގައި ލިވަޕޫލްގައި ހޭދަކުރި ބަލޮޓެލީ ވަނީ އޭސީ މިލާން އަށް މީގެ ކުރިން ވެސް ކުޅެފަ އެވެ. އެސީޒަންގައި އޭނާ ވަނީ 43 މެޗްގައި 26 ލަނޑު މިލާންއަށް ޖަހައިދިފަ އެވެ.
އިޓަލިއަން ސޭރިއާގައި މިލާން އޮތީ 20 ޕޮއިންޓާ އެކު ތާވަލްގެ ހަ ވަނައިގަ އެވެ. އޭޓީމް އޮތީ އެއްވަނައިގައި އޮތް ފިއޮރެންޓީނާއާ 7 ޕޮއިންޓް ފަހަތުގަ އެވެ.