ސީނިއާ ގައުމީ ބާސްކެޓްބޯލް ޓީމުށް ނެގި ކުޅުންތެރިންގެ މެދުގައި ބާއްވާ މުބާރާތުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗަތައް ކާމިޔާބު ކުރި ޓީމް ބްލެކާއި ޓީމް ގްރީން މިރޭ ފައިނަލްގައި ވާދަކުރާނެ އެވެ.

ޖުމްލަ ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލަށް މުހައްމަދު ޒަލީލްގެ ކެޕްޓަން ކަމުގެ ދަށުން ކުޅޭ ޓީމް ގްރީން ދިޔައީ ރޭކުޅުނު ސެމީ ފައިންލްގެ ފުރަތަމަ މެޗްގައި އަހްމަދު އަފްޝަންގެ ކެޕްޓަން ކަމުގެ ދަށުން ކުޅޭ ޓީމް ވައިޓާއި ވާދަ ކޮށް 42-47 ޕޮއިންޓުން މެޗް ކާމިޔަބް ކޮށްގެންނެވެ.

ޒަކަރިއްޔާ އަބްދުލް ލަތީފްގެ ކެޕްޓަން ކަމުގެ ދަށުން ކުޅޭ ޓީމް ބްލެކް ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ދެވަނަ ސެމީފައިނަލްގެ މެޗްގައި އިލިޔާސް އިބްރާހިމްގެ ކެޕްޓަން ކަމުގެ ދަށުން ކުޅޭ ޓީމް ރެޑާއި ވާދަކޮށް 44-40 ޕޮއިންޓުން މެޗް ކާމިޔާބް ކޮށްގެންނެވެ.

ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ ވާދަކުރާ ގޮތަށް ކުރިއަށްދާ މި މުބާރާތުގެ ތިންވަނަ ހޮވާ މެޗްވެސް މިރޭ ކުޅުވޭނެ އެވެ. އެގޮތުން އެ މެޗްގައި ވާދަކުރާނީ ރޭ ސެމީ ފައިނަލްގެ ދެ މެޗުން ބަލިވި ޓީމް ވައިޓާއި ޓީމް ރެޑެވެ.

މި މުބާރާތުގައި މި އަހަރު އަލަށް ގައުމީ ސްކޮޑުގައި ހިމެނުނު ޒުވާން ކުޅުންތެރިންނާއި މީގެ ކުރިން ވެސް ކުޅެފައިވާ ކުޅުންތެރިން ވާދަކުރެ އެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ ރެޑް، ވައިޓް، ބްލެކް އަދި ގްރީން އެވެ.