މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހުށަހެޅުއްވި އަންނަ އަހަރުގެ ބަޖެޓުން ފާހަގަވެގެން ދަނީ ރާއްޖޭގެ އިގްތިސާދު ދުވަހެއް ދުވަހަކަށް ހަލާކުވެގެންދާތަން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އެ ޕާޓީން ނެރެފައިވާ ތަފްސީލީ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދު މިއަހަރު 10.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް މި އަހަރުގެ މިހާތަނަށް ލިބުނު މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާ ކުރެވެނީ 4.8 ޕަސެންޓުގައި ކަމަށެވެ. ބަޔާނުގައި ބުނެފައި ވަނީ މި އަހަރު ނިމޭއިރު އެ އަދަދު އެއަށް ވުރެ ވެސް ދަށްވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ޖުމުލަ ހަރަދަކީ 27.46 ބިލިއަން ރުފިޔާ އެވެ. އެމްޑީޕީން ބުނީ އެއީ މިއަހަރަށް ރިވައިޒް ކުރި ބަޖެޓާ އަޅާ ބަލާއިރު 22.6 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ.

އެމްޑީޕީން ބުނީ މި އަހަރަށް ވުރެ އަންނަ އަހަރު ދައުލަތުގެ ދަރަނި 4.2 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ. އަދި އެކަން އަންނަ އަހަރުގެ ބަޖެޓުން ފެންނަން އެބައޮތް ކަމަށް އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ތަފްސީލީ ބަޔާނުގައި ބުނެފައިވެ އެވެ. އެ ޕާޓީން ބުނީ އެކަމަކީ އެޕާޓީން ނުހަނު ކަންބޮޑުވާނެ ކަމެއް ކަމަށެވެ.

"މިއީ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނާ ސަރުކާރުން ހިލާފުވާ ކަމުގެ ފުރިހަމަ ހެއްކެކެވެ. ދައުލަތުގެ ފިސިކަލް ޕޮލިސީ ވާންވާނީ އިންޓަ ޖެނަރޭޝަނަލް އިކުއިޓީ ހިމާޔަތް ކުރެވޭ ގޮތަށް ކަމަށްވާ އިރު އަންނަ އަހަރު ނިމޭއިރު ދަރަނި ބޮލަކަށް ޖެހޭ ނިސްބަތް އެއްލައްކަ ރުފިޔާއަށް އަރައިގެންދާނެ އެވެ." އެ ބަޔާނުގައިވެ އެވެ.

މިހާތަނަށް ސަރުކާރުން އެންމެ ފަހުރުވެރިވާ ކަމަކީ އެސްއީޒެޑު ގާނޫނު ފާސްވެގެން ދިއުމާ އެކު ގައުމަށް އަންނާނެ ކުރިއެރުން ކަމަށާއި އެހެންނަމަވެސް މިހާތަނަށް އައިއިރު ރާއްޖެއަށް އެއްވެސް ބޮޑު އިންވެސްޓުމަންޓެއް އައިސްފައިނުވާ ކަމަށް ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ރާއްޖެއަށް ބޮޑެތި އިންވެސްޓަރުން އަންނާނީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކޮށް ވިޔަފާރީގައި ދެފުށް ފެންނަ ސިޔާސަތުތައް އެކަށައަޅައި ކޮރަޕްޝަނުގެ ވަބާއިން ގައުމު ސަލާމަތް ކުރެވިގެން ކަމަށެވެ.

"ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެއިލުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މުޅި އިގްތިސާދީ ސިޔާސަތު އެސްއީޒެޑުގެ ދަށުން އަންނާނެ ކަމަށް ލަފާ ކުރެވޭ ބޮޑެތި އިންވެސްޓުމަންޓުތަކަށް ބަރޯސާވުމެވެ. މާނައަކީ ސަރުކާރުގެ ފޯކަސް ހުރީ ހުރިހާ މަޝްރޫއުތަކެއްވެސް އެސްއީޒެޑުގެ ތެރެއިން ގެންނަން ކަމަށްވީ ނަމަވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި އެސްއީޒެޑުގެ ދަށުން އެކްސްޕޯޓު ކުރިއރުވިޔަސް ރާއްޖޭގެ ކޮމްޕުރެޓިވް އެޑުވާންޓޭޖް ހުރީ ފަތުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތުގައި ކަމަށްވުމުން ސަރުކާރުން އުއްމީދު ކުރާ ފަދަ ބޮޑެތި އިންވެސްޓުމަންޓުތައް ކުރިއަށް އޮތްތަނުގައި ވެސް އައުމަކީ ނާދިރުކަމެކެވެ." އެ ބަޔާނުގައިވެ އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ޕަބްލިސް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހިމަނާފައިވާ 9.1 ބިލިއަން ރުފިޔާގެ ތެރެއިން އާއްމު ބަޖެޓުން ހޭދަ ކުރުމަށް ކަނޑައަޅާފައި ވަނީ 5.2 ބިލިއަން ރުފިޔާ އެވެ. އަދި ބޭރުގެ ލޯނު އެހީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި ޓުރަސްޓް ފަންޑުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބޭނެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހިމަނާފައި ވަނީ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމާއި ވައިގެ ބަނދަރުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށެވެ. އެކަމަށް ޓަކައި އަންނަ އަހަރު 63 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެއީ 2.6 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެކެވެ. އޭގެތެރެއިން 62 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތްތަކަށް 783 މިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ.