19 Nov 2015, 09:51
ޕެރިސް (ނޮވެމްބަރު 19) : އައިއެސްއަކީ ވަރަށް ގިނަ ފައިސާއާއި ހަތިޔާރާއި މުއްސަނދިކަމާއި އެތައް ހާސް ހަނގުރާމަވެރިންނެއް ލިބިފައިވާ ބާރުގަދަ ޖަމާއަތެއް ކަމަށް ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް ވިދާޅުވެއްޖެ އެވެ.
ފަރަންސޭސިވިލާތުގެ މުނިސިޕަލް ކައުންސިލްތަކުގެ ވެރިންނާއި މޭޔަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އޮލާންދް ވިދާޅުވީ އައިއެސް ވަނީ ފަރަންސޭސިވިލާތާ ދެކޮޅަށް ހަނގުރާމަ އިއްލާންކޮށްފައި ކަމަށާއި އަދި އެގައުމުވެސް ވަނީ އައިއެސް އާ ދެކޮޅަށް ހަނގުރާމަ އިޢްލާން ކޮށްފައި ކަމުގަ އެވެ. އެހެންކަމުން ދެފަރާތުން ވެސް ކުރަމުން ގެންދަނީ ސީރިޔަސް ހަނގުރާމައެއް ކަމަށް އޮލާންދް ވިދާޅުވި އެވެ. އޮލާންދް ވިދާޅުވީ އައިއެސް ކިތަންމެ ބާރުގަދަ ނަމަވެސް އެހެންގައުމުތަކުގެ އެހީތެރިކަމާ އެކު އައިއެސް ބަލިކޮށްލުމަކީ ކުރެވިދާނެކަމެއްކަމުގަ އެވެ.
އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެމެރިކާއާއި ރަޝިޔާގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށްޓަކައި އޮލާންދް ވަނީ އަންނަ ހަފްތާ ތެރޭގައި އެދެގައުމަށް ޒިޔާރަތް ކުރެއްވުމަށް ނިންމަވާފަ އެވެ. މިހާރު ވެސް އައިއެސްއާ ދެކޮޅަށް އެމެރިކާއާއި ރަޝިޔާ ގެންދަނީ ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް އެއްގަމު މަގަކުންނޫނެވެ. ވައިގެ މަގުންނެވެ.
އައިއެސްއަކީ އެޖަމާއަތުގެ އަތްދަށުގައި ހައްޔަރުވާ އަސީރުން ކަތިލައި މީހުންގެ ބޯބުރިކޮށް އަސީރުންނާއި ރަހީނުން އަލިފާނަށްލައި އަންދައިގެން މަރާ ނުރައްކާތެރި ޖަމާއަތަކަށްވާތީ އެއްގަމުމަގުން އައިއެސްއާ ކުރިމަތިލުމަށް ފަރަންސޭސިވިލާތުގެ އިތުރުން އެމެރިކާވެސް ވަނީ ޖެހިލުންވެފަ އެވެ. އައިއެސް އެއްގަމު ހަނގުރާމައަށް ވަރުގަދަ ނަމަވެސް ވައިގެ ބާރެއް އައިއެސް އަށް ލިބިފައެއް ނުވެ އެވެ. އެހެންކަމުން އައިއެސްގެ ތެލުގެ އިންޑަސްޓްރީ ބޮޑެތި ބާރުތަކުގެ ޙަމަލާތަކުގައި ވަނީ ވަރަށްބޮޑަށް ހަލާކުކޮށްލާފަ އެވެ. އަދި އެޖަމާއަތުގެ ގިނަ ލީޑަރުން ވެސް ވައިގެ ހަމަލާތަކުގައި ވަނީ މަރުވެފަ އެވެ.
އައިއެސްއަކީ ދުނިޔޭގައިވާ އެންމެ މުއްސަނދި ޓެރަރިސްޓް ޖަމާއަތް ކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. އައިއެސްއަށް މާލީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ގަލްފުގެ އަރަބި ގައުމުތަކުގެ މުއްސަނދި މަހުޖަނުން ހިމެނެ އެވެ. ނަމަވެސް އައިއެސްއިން އެންމެ ގިނަ ފައިސާ ހޯދަނީ ސޫރިޔާގެ ތެޔޮ ސްމަގްލިން ކޮށްގެންނާއި ކަޅުބާޒާރުގައި ތެޔޮ ވިއްކައިގެންނެވެ. މިތެޔޮ ގަންނަނީ މައިގަނޑު ގޮތެއްގައި ހުޅަނގުގެ ކުންފުނިތަކުންނެވެ. މިނޫން ސޯސްތަކުން ވެސް އައިއެސްއިން އާމްދަނީ ހޯދައެވެ. މީގެތެރޭގައި އަންހެނުންނާއި އަންހެން ކުދިން ވަގަށްނަގައިގެން އަޅުންގެ ބާޒާރުގައި އަންހެނުން ވިއްކައިގެން ހޯދާ ފައިސާއާއި ރަހީނު ކުރާމީހުން މިނިވަން ކުރުމަށް ހޯދާ ފައިސާއަކީ ވެސް އައިއެސްއަށް ލިބޭ އާމްދަނީގެ ބައެކެވެ. (ނޫސްއެޖެންސީތައް)