19 Nov 2015, 01:06
އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ރެސްޓޯރެންޓެއްގެ ތެރޭގައި ބަނގުރާ ބޮއިގެން ތިބި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ މެންދަމު 12:30 ކަންހާއިރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބްލޫ ބޭ ރެސްޓޯރެންޓަށް ފުލުހުން ވަނީ، ބަނގުރާ ބޮއިގެން ތިބި ދެމީހަކު އެ ރެސްޓޯރެންޓަށް ވަދެ ތިބި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ކަމަށެވެ.
"ހައްޔަރުކޮށްފައި ވަނީ، ބަނގުރާ ބޮއިގެން އެ ރެސްޓޯރެންޓަށް ވަދެތިބި ދިވެހި ދެ ފިރިހެނުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ހައްޔަރުކުރި މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއްވައެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ޓީމަކުން އެ ރެސްޓޯރެންޓްގެ ތެރެއަށް ވަދެ އެ ދެ މީހުން ހައްޔަރުކުރުމުގެ އިތުރުން އެ ރެސްޓޯރެންޓްގެ މަތީބައިގައި ތިބި ގިނަ ބަޔަކު ވަނީ ޗެކްކޮށްފައެވެ.
ފުލުހުން ދަނީ، ހައްޔަރުކުރި ދެމީހުންގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.