18 Nov 2015, 23:27
ގައުމީ ޔުނިވާސިޓީން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ކޮންމެ ކެމްޕަހެއްގައި ހުރެގެން ވެސް، ޔުނިވާސިޓީގެ އެހެން އިތުރު ކެމްޕަސްތަކަށް އެއްވަގުތެއްގައި އޮންލައިންކޮށް ކްލާސްތައް ނަގައި ދެވޭނެ ސްމާޓް ޓީޗިން ސިސްޓަމެއް ދިރާގާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ގާއިމުކޮށްފިއެވެ.
"ސްމާޓް ޓީޗިން ސޮލިއުޝަން"ގެ ނަމުގައި މިރޭ ގާއިމު ކުރެވުނު މި ހިދުމަތް އިފްތިތާހު ކުރުމަށް ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމައިލް ރަޝީދު ވިދާޅުވީ، މި ހިދުމަތަކީ މިއީ މުޅި ޔުނިވާސިޓީގެ ކިޔަވައި ދިނުމުގެ ބޭނުމަށް ކަސްޓަމައިޒްކޮށް ތައާރަފު ކުރެވިފައިވާ ހިދުމަތެއް ކަމަށެވެ.

ދިރާގުން ގައުމީ ޔުނިވާސިޓީގައި ސްމާޓް ޓީޗިން ސޮލިއުޝަން ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން، ދިރާގުގެ ސީއީއޯ އިސްމައިލް ރަޝީދު އާއި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ފަވާޒް ޝަރީފު -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"މި ސޮލިއުޝަންގެ ސަބަބުން ޔުނިވާސިޓީގެ ހަތަރު ކެމްޕަސް އަކާއި މާލެއާއި ގުޅާލެވި އެތަންތާނގައި ތިބޭ ކުދިންނަށް މާލޭގައި ދޭ ލެކްޗަރ ވަގުތުން ފެންނަ ގޮތަށް އަދި އެކުދިންގެ ސުވާލުތަކަށް ޖަވާބު ދެވި ވަރަށް އިންޓަރެކްޓިވް ޓީޗިންގް ސޮލިއުޝަންއެއް ގޮތަށް މި ސޮލިއުޝަން ފަރުމާ ކުރެވިފައި ވަނީ،" އިސްމައިލް ވިދާޅުވި އެވެ.
އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ފަވާޒް ޝަރީފު ވިދާޅުވީ، ތަޢާރަފު ކުރެވުނު ސްމާޓް ޓީޗިން ސޮލިއުޝަންގެ ސަބަބުން ޔުނިވާސިޓީން ކުރަން ޖެހިފައިވާ ހަރަދުތަކަށް ލުއިކަމެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް އިބްރާހީމް އިމްޖާދު ޖަލީލް ސްމާޓް ޓީޗިން ސޮލިއުޝަނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އަދި ރާއްޖޭގެ ކޮންމެ ތާކު ހުރި ކޮންމެ ކުއްޖަކަށްވެސް ހަޔާރ އެޑިއުކޭޝަން ފޯރުކޮށްދެވޭނެ ހިސާބަަކަށް ދިއުމަކީ ޔުނިވާރސިޓީގެ ވިޝަން ކަމަށެވެ.
"އެކުއްޖާއަށް ދެވެންވާނީ އެވަގުތެއްގައި ހުންނަ އެގްޒިސްޓިންގް ޓެކްނޮލޮޖީ އާއި އެއްކޮށް. އެކުއްޖެއްގެ އަތުގައި އޮންނަ އެންމެ އާދައިގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކުއްޖާ އާއި ހިސާބަށް ހަޔާރ އެޑިއުކޭޝަން ފޯރުކޮށްދެވޭ ދުވަސް އެެއީ އެމްއެންޔޫއިން ވަރަށް ބޮޑު ކާމިޔާބީ ތަކެއް ހާސިލް ކުރެވޭނެ ދުވަސް. އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންނަށް ދިރާގާއި ގުޅިގެން މި ވިޝަންއާއި ހިސާބަށް އަޅުނޑުމެންނަށް ދެވޭނެ ކަމަށް،" ފަވާޒް ވިދާޅުވިއެވެ.
ގައުމީ ޔުނިވާރސިޓީގައި ގާއިމުކޮށްފައިވާ ހަތަރު ކެމްޕަހެއްގައި ސްމާޓް ޓީޗިންގް ސޮލިއުޝަން އެހީގައި ލެކްޗާ ނަގައި ދެނީ--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ހދ. ކުޅުދުއްފުއްޓާއި، ލ. ގަން، ގދ. ތިނަދޫ އަދި ސ. ގަމުގައި ގައުމީ ޔުނިވާސިޓީ އިން ގާއިމުކޮށްފައިވާ ކެމްޕަސްތަކުގެ ދަރިވަރުންނަށް މި ހިދުމަތުގެ އެހީގައި އެއް ވަގުތެއްގައި ލެކްޗާތަކުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
އަދި ލެކްޗާގެ އިތުރުން ކިޔެވުމަށް ބޭނުންވާ ތަފާތު ސްޓަޑީ މެޓީރިއަލްތައްވެސް މި ސިސްޓަމްގެ އެހީގައި އެކި ކެމްޕަސްތަކުގެ ދަރިވަރުންނާއި ޓީޗަރުންގެ މެދުގައި ހިއްސާ ކުރެވޭނެ ކަމަށާއި، މި ސިސްޓަމްގެ ވީޑިއޯ އެސްޑީ އަދި އެޗްޑީ ފެންވަރުގައި ބަލާލެވޭނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.
ގައުމީ ޔުނިވާރސިޓީގައި ގާއިމުކޮށްފައިވާ ހަތަރު ކެމްޕަހެއްގައި ސްމާޓް ޓީޗިންގް ސޮލިއުޝަން އެހީގައި ލެކްޗާ ނަގައި ދެނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
މިރޭ އިފްތިތާހު ކުރެވުނު ސްމާޓް ޓީޗިން ސޮލިއުޝަން މަސައްކަތް ކުރާ ގޮތާއި މި ސިސްޓަމްގެ އެހީގައި ކްލާހެއް ނަގައިދެވޭނެ ގޮތް ދިރާގުން ވަނީ ވަގުތުން ދައްކާފައެެވެ.