05 Apr 2011, 12:38
މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ރައީސް ބަރަކް އޮބާމާ ރަސްމީގޮތުން ޢިޢްލާން ކުރައްވައިފި އެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވިކަން އިޢްލާން ކުރެއްވުމާއެކު އޮބާމާ ރޭގައިވަނީ އޭނާގެ ރިޔާސީ ކޭންޕޭންވެސް ރަސްމީގޮތުން އިފްތިތާޙް ކުރައްވާފައެވެ. އޮބާމާ އޭނާގެ ކޭންޕޭން އިފްތިތާޙް ކުރެއްވީ 2012 ވަނަ އަހަރުގެ ނޮވެމްބަރމަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތާރީޚުގެ ގާތްގަނޑަކަށް ދޮޅުއަހަރު ކުރިންނެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވައި އެކަމުގެ ކޭންޕޭން ރަސްމީގޮތުން ފެއްޓެވި ހަފްލާ، އިންޓަރނެޓްގައިވާ އޮބާމާގެ ކޭންޕޭން ސައިޓުން ވަގުތުން ވެބްކާސްޓް ކުރިއެވެ. އަދި މިކަމާބެހޭ ވީޑިޔޯއެއް މިހާރުވަނީ ޔޫ ޓިޔުބުގައިވެސް ޝާއިޢުކޮށްފައެވެ.
އޮބާމާ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވައި އޭނާގެ ކޭންޕޭން ރަސްމީގޮތުން އިފްތިތާޙް ކުރެއްވުމާ ގުޅިގެން އިދިކޮޅު ޖުމްހޫރީ ޕާޓީން އަދި އެއްވެސް ބަޔާނެއް ނުދެއެވެ. މިހާކުރިން އޮބާމާ ރިޔާސީ ކޭންޕޭން ފައްޓަވާނެކަމަށް ޖުމްހޫރީ ޕާޓީން ލަފާކޮށްފައިނުވި ނަމަވެސް ރިޔާސީ ދެވަނަ ދައުރަކަށް އޮބާމާ ކުރިމަތި ލައްވާނެކަން ޖުމްހޫރީ ޕާޓީއަށް އެނގޭނެ ކަމަށް މުރާސިލުން ބުނެއެވެ.
ޚަބަރު ލިބޭގޮތުން 2012 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ބޭނުންވާ ފޯމްތައް ފުރުއްވައި މިކަމާބެހޭ ލިޔެކިޔުންތައް އެމެރިކާގެ އިންތިޚާބުތަކާބެހޭ ފެޑްރަލް ކޮމިޓީއަށް އޮބާމާ މިއަދު ހުށަހަޅުއްވާނެއެވެ. އޮބާމާ މިހާއަވަހަށް ރިޔާސީ ކޭންޕޭން ފެއްޓެވުމުގެ ބޭނުމަކީ އެކަމަށް ބޭނުންވާ ފައިސާ ޖަމާކުރުމުގެމަސައްކަތް ކުރުމުގެ ފުރްސަތު އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް ހޯއްދަވައި ދެއްވުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
2008 ގެ ރިޔާސީ ކޭންޕޭނަށް ޚަރަދު ކުރުމަށް އޮބާމާގެ ބައިވެރިން 750 މިލިޔަން ޑޮލަރު ޖަމާކުރިއެވެ. (ނޫސްއެޖެންސީތައް)
މ