މ. ފާރޮށިގޭގައި ބަހައްޓާފައި ހުރި ލިފްޓުގެ ގޮޅީގެ ތެރެއަށް މީހަކު ވެއްޓި ޒަޚަމްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ވެއްޓުނީ ގޭގެ ހަތްވަނަ ބުރިން ކަމަށެވެ. އަދި އޭރު ލިފްޓު އިނީ ގޭގެ ފަސްވަނަ ބުރީގައި ކަމަށް ފުލުހުން ވެސް އޮފިޝަލް ވިދާޅުވި އެވެ. ވެއްޓުނު މީހާއަށް އޭޑީކޭގައި ފަރުވާދެމުން ދާއިރު އެމީހާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް ފުުލުހުން ވަނީ ބުނެފަ އެވެ.

ހާދިސާ ހިނގި ލިފްޓް ހަރުކޮށްފައިވާ އިމާރާތަކީ ކަލަބޭންކާއި ނަލަހިޔާގެ ފިހާރައަކާއި އޮފީސްވެސް ހިންގާ އިމާރާތެއް. މި ނޫނަސް އަމިއްލަ ގިނަ އޮފީސްތަކެއް މި އިމާރާތުގައި ހުރޭ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އޭޑީކޭ ހޮސްޕިޓަލުގެ މޭނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް 'ސަން' އަށް ވިދާޅުވީ ލިފްޓު ގޮޅިއަކަށް ވެއްޓިގެން 40 އަހަރުގެ ފިރިހެނަކަށް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށާއި އިތުރު އެއްޗެއް ވިދާޅުވުމަށް އެނގޭނީ ޑޮކްޓަރު ރިޕޯޓު ލިބުމުން ކަމަށެވެ.

އޯކިޑުމަގުގައި ހުރި މ. ފާރޮށިގޭގައި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

މަންޒަރު ދުށް މީހަކު ބުނީ އެމީހާގެ ހަށިގަނޑުގެ އެކިތަންތަނުން ޒަޚަމްތައް ފެންނާން ހުރި ކަމަށެވެ.

ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރުގެ ލޯ އޮފީހާއި އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒުގެ ލޯ އޮފީސް ވެސް ހުންނަނީ އެ އިމާރާތުގަ އެވެ.

އެ އިމާރާތުގައި ލިފްޓް ހަރުކޮށްފައި ވަނީ ކޮންޓެކް ކިޔާ ކުންފުންޏަކުންނެވެ.