19 Nov 2015, 09:31
އެބޯޅެ މިބޯޅެ މިޒާޒުގެ އަންހެނެކެވެ. މަސްތުވާތަކެއްޗާއި އެހެނިހެން ފާފަތަކަށް އަރައިގަންނަމުންދިޔަ މީހެކެވެ. ކައިވެނިން ބޭރުން ބަލިވެ އިނދެފި އެވެ. ބަލިވެ އިންކަން އެނގުމުންވެސް އޭނާގެ ދިރިއުޅުމަކަށް ބަދަލެއް ނާދެ އެވެ. މައިވަންތަ އިހުސާސެއް ނުކުރެވޭ ކަހަލަ އެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި އެހެނިހެން ވިޔާނުދާ އަމަލުތައް ކުރުމަށް ހަމައެއްވެސް ބަދަލެއް ނާދެ އެވެ. ރައްކާތެރި ކާނާ ކެއުމެއް ދަރިފުޅަށް ގެއްލުންލިބޭ ކަންކަމާއި ދުރަށް ދިއުމެއް ނެތެ އެވެ. އެންމެ ފަހުން ވިހަން ދިޔައީވެސް އެގޮތަށެވެ.
އެވިޔާނުުދާ ދިރިއުޅުމުގެ ތެރޭ އުޅެނިކޮށް ދުވަސްފުރި ބަނޑުގައި ރިއްސަން ފެށީ އެވެ. އެހިސާބުން އޭނާގެ އަމާޒަކަށްވީ ހޮސްޕިޓަލެވެ. އައިޖީއެމްއެޗަށް ގޮސް ވިހައިފި އެވެ. ވިހެއުމަށް ފަހު ވެސް އޭނާގެ ވިސްނުމާއި އުޅުމަށް ބަދަލެއް ނުގެނަ އެެވެ. ދަރިޔަކު ލިބުނިޔޭ ހިތާ ދެންވެސް އުޅެން ފެށީ ކުރީގެ އުޅުން އުޅޭންށެވެ. ހޮސްޕިޓަލުގެ އެނދުން އަމިއްލައަށް ތެދުވެވޭވަރު ވުމުން ދަރިފުޅު ބާއްވާފައި އޭނާ ފިލީ އެވެ. އެ ތުއްތު ތުއްތު ދަރިފުޅަށް ދިރިއުޅުމެއް ހޯދައިދިނުމުގެ ބަދަލުގައި އޭނާ ބެލީ ފިލާށެވެ.

ދަރިންދޫކޮށް ފިލުން އާންމުވެފައި!
އިސްވެ ފާހަގަ މިކުރީ މިސައްތައިންސައްތަ ގައުމުގައި ކަން ހިނގަމުންދާގޮތުގެ ވާހަކައެވެ. ދަރިން ވިހެއުމަށް ފަހު އެދަރިންނަށް އަޅާނުލާތާ ދަރިންނާއި ހަވާލު ނުވުންވެސް މިހާރު މިވަނީ އިންތިހާއަށް އާންމު ކަމަކަށްވެފަ އެވެ. އެފަދަ އެތައް ކުދިންނެއް ކުޑަކުދިންގެ ހިޔާއިން އެދަނީ ބަލަހައްޓަމުންނެވެ. ކުޑަކުދިންގެ ހިޔާއަކީ 45 ކުދިންގެ ޖާގައިގެ ތަނަކަށްވާއިރު އެތަނުގައި މިވަގުތު ވެސް 120 ކުދިން އެބަތިއްބެވެ. މިކަމުންވެސް އެފަދަ މައްސަލަތައް ބޮޑު މިންވަރު ހާމަވެއެވެ.
ކުރިން މުޅިން ވެސް އަޑުއިވެނީ މައިލަގޮޑީގެ ވާހަކައެވެ. އެލަނގޮޑިއަށް ކެތްނުވާ ވާހަކަ އެވެ. ނަމަވެސް މިއަދު އެކަން އެވަނީ ބަދަލުވެފަ އެވެ. ދަރިންނަށް އިހުމާލުވުން މިވަނީ އިންތިހާއަށް އިތުރުވެފަ އެވެ.
ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަކުރަމް ހުސެއިން ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެފަދަ މައްސަލަތައް ވަނީ އެމިނިސްޓްރީ އަށް ހުށައެޅިފަ އެވެ. އެގޮތުން އައިޖީއެޗްގައި ވިހެއުމަށް ފަހު ކުދިން "އެއްލާލާފައި" ގޮސްގެން މައްސަލަތައް ތަކުރާރުކޮށް ވެސް ހުށައެޅިފައި އެބަހުރި ކަމަށް އަކުރަމް ވިދާޅުވި އެވެ.
"ތަކުރާރުކޮށް މިކަހަލަ ކަންކަން ވެސް ފާހަގަކުރެވިފައި އެބަހުރި، އެއްކޭސް އެއްގައި ހިމެނޭ ފަރާތެއް ކުއްޖެއް ވިހެއުމަށް ފަހު އެއްލާލާފައި ގޮސް، ހަމައެގޮތަށް އައިސް ވިހާފައި އެއްލާލާފައިގޮސް." އަކުރަމް ވިދާޅުވި އެވެ.

އަނިޔާ ލިބެމުންދާ ކުއްޖެއް އެހީއަކަށް އެދޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް--
އެގޮތަށް ކުއްޖާ ދޫކޮށް ދަނީ ވަކި އުމުރެއް ބަލާފައެއްނޫނެވެ. މައިމީހާގެ ލޯތްބާއި އަޅާލުން އެންމެ ބޮޑަށް ބޭނުންވާނެ އެންމެ ތުއްތު ދުވަހުވެސް އެގޮތަށް ކުއްޖާދޫކޮށް ގޮސްފައިވާކަން މިހާތަނަށް ދިމާވެފައި ހުރި އެފަދަ މައްސަލަތަކުން އެބަ ހެކިދެ އެވެ. ކުއްޖާއަށް ނަން ނުކިޔާއިރު ކުއްޖާ ދޫކޮށް ގޮސް އެބަވެ އެވެ. އެހިސާބުން އެކުއްޖާއާއި ހަވާލުވާންޖެހެނީ ދައުލަތުންނެވެ.
"އުފަން ދުވަހުގެ ސެޓްފިކެޓް ފޫޅުމާ ފޯމް، އެހާ ހިސާބުންވެސް އެބަހުރި ނަން ކިޔާ ހިސާބުންވެސް އެބަހުރި ކުދިންގެ ކަންކަމަށް ހިޔާއިން އެޓެންޑްކޮށްފައި." ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް އަދުނާން ވިދާޅުވި އެވެ.
އެއަމަލު ގިނައިން ހިންގަނީ މަސްތުގެ އަޅުން، ގިނައިން ވިހަނީ ކައިވެނިން ބޭރުން!
ޖެންޑާ މިނިސްޓަރީގެ އެސިސްޓެންޓް ޑިރެކްޓަރު އަކުރަމް ވިދާޅުވާގޮތުގައި ކުދިން ނުބަލާ ދޫކޮށް ދާ ފަރާތްތަކުގެ ތެރޭގައި މުޅިންހެން އުޅެނީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ނުވަތަ ކައިވެނިން ބޭރުން ވިހާ މީހުންނެވެ. އޭގެ ތެރެއިން ވެސް ގިނަ މީހުންނަކީ އެއްވެސް އުޅުމެއް ނުހުންނަ ވިޔާނުދާ ގޮތްގޮތަށް އުޅޭ ފަރާތްތައް ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ކުދިން ވިހެއުމަށް ފަހު އެއްލާލާފައި މިދަނީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިތިބި މީހުން، ހާއްސަކޮށް މިފަދަ ފަރާތްތަކަކީ ކައިވެނިން ބޭރުން މިފަދަ ފަރާތްތަކަށް ކުދިން ލިބިފައި މިވަނީ." އަކްރަމް ވިދާޅުވި އެވެ.
އެގޮތަށް އަމަލުކުރުމުން އެމައިމީހާގެ އާއިލާގެ ފަރާތުން ކުއްޖާއަށް ރައްކާތެރިކަން ހޯދިދާނެތޯ ބަލަ އެވެ. އާއިލާގެ ތެރެއިން ކުއްޖާއަށް ރައްކާތެރިކަން ދޭނެ ފަރާތެއް ނެތް ނަމަ އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ އެވެ. އެއަށް ފަހު އެކުއްޖާއާ ހަވާލުވާން ބޭނުންވާ އާންމު ފަރާތްތަކަށް ކުއްޖާ ހަވާލުކުރަނީ އެވެ. ނޫނީ އެކުއްޖާއަށް 18 އަހަރު ވަންދެން ކުޑަކުދިންގެ ހިޔާގައި ގެންގުޅެނީ އެވެ.
"އެފަދަ ކުދިންނަށް ބޭނުންވޭ ދެއްތޯ އާއިލާއެއްގެ ތެރެއިން އަޅާލުމާއި ލޯބި، ކުޑަކުދިންގެ ހިޔާގައި އެކުދިން ބައިތިއްބައިގެން 18 އަހަރު ފުރެންދެން ބަލައި ބޮޑުކުރުމަކީ އޭގައި ދައުލަތަށް ވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމެއް." އަކްރަމް ވިދާޅުވި އެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ--
ހުއްޓުވުމަށް އެތައް ގޮންޖެހުމެއް!
ގާނޫނު އަސާސީން ކުޑަކުދިންނަށް ލިބެން ޖެހޭ ހައްގުތަކެއް ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި އެކުދިންނަށް ރަނގަޅު ސިއްހަތެއް ހޯދައި ދިނުމާއި ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެ ކުދިންގެ ކަންކަން ރަނގަޅަށް ބެލެނިވެރި ފަރާތްތަކުން ބަލަހައްޓަން ޖެހެ އެވެ. ނަމަވެސް މިއަދު މިފެންނަނީ އޭގެ އިދިކޮޅަށް ކަންކަން ވަމުންދާތަނެވެ.
ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަކުރަމް ވިދާޅުވާ ގޮތުގައި އެފަދަ ކަންކަން ހުއްޓުވުމަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. މައިންބަފައިން ޒިންމާ އަދާކުރަން ޖެހޭ ގޮތްތަކެއް ގާނޫނުގެ ތެރެއިން ޖެހޭ ކަމަށާއި ގިނަ ފަހަރަށް އެފަދަ ކުށްތަކުގައި ދެވޭ އަދަބުތައް ކުޑަކަން ވެސް އެއީ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އަކްރަމް ފާހަގަ ކުރައްވަ އެވެ.
"ހާއްސަކޮށް ކުއްޖަކު ވިހެއުމަށް ފަހު ތަނަކަށް އެއްލާލާފައި ދާ ފަރާތްތަކާއި މެދު މިސާލަކަށް ދަށްނަވާކަމަށްވާނަމަ ހަރުކަށި އަދަބުތަކެއް ދެވޭނެގޮތްތަކެއް ނޯވޭ." އަކްރަމް ވިދާޅުވި އެވެ.
ހައްލަކީ އިސްލާމީ އުސޫލްތައް ހިޔާރު ކުރުން!
މާތްވެގެންވާ އިސްލާމްދީނަކީ ދަރިންނަށް އިހުތިރާމް ކުރުމާއި ދަރިން ބެލެހެއްޓުމުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ބާރު އަޅާ ދީނެވެ. އިސްލާމްދީނުގައި ދަރިންނަކީ މައިންބަފައިންނަށް ހަވާލު ކުރެވޭ ބޮޑު އަމާނާތަކަށްވާއިރު އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް އެތައް ކަމެއް މާތްވެގެންވާ ދީނުގައި ވަނީ އަންގަވާފަ އެވެ.
އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި އެފަދަ ހާދިސާތަކުގެ ސަބަބުން ކައިވެނީގެ މުހިންމުކަން ދޭހަވެގެންދާ ކަމަށާއި އެފަދަ ނޭދެވޭ ހުރިހާ މައްސަލަތަކެއްގެ ހައްލަކީ މާތްވެގެންވާ އިސްލާމްދީން އަންގަވާފައިވާ ގޮތަށް އަމަލުތައް ބެހެއްޓުން ކަމަށެވެ.
މައްސަލަ ސީރިއަސް، އަވަހަށް ފިޔަވަޅުއަޅަންޖެހޭ!
މިދައްކަނީ ތުއްތު ކުދިން ބިކަކުރާ ވާހަކަ އެވެ. ވިހެއުމަށް ފަހު އެކުދިންގެ މައިން ފިލާވާހަކަ އެވެ. ދެން އެކުދިންގެ މުސްތަގުބަލާ ދޭތެރޭ ވިސްނާށެވެ. ދައުލަތުން އެކުދިންނަށް އަޅާލި ނަމަވެސް މައިންބަފައިންގެ ލޮއިބެއް އަޅާލުމެއް އެކުދިންނަށް ލިބިގެން ނުދާނެތާ އެވެ. މިފަދަ މައްސަލަތަކަށް ސީރިއަސް ހައްލެއް ބޭނުންވެ އެވެ. އެހެން ނޫން ނަމަ މިދައްކަނީ އެތައް ދަރިންގެ މުސްތަގުބަލުގެ ވާހަކަ އެވެ. ވިހެއުމަށް ފަހު ދައުލަތާއި ދަރި ހަވާލުކޮށް ފިލުމުގެ ޖާގަ މައިންނަށް ދެވިގެންނުވާނެ އެވެ.