18 Nov 2015, 19:34
ސްރީލަންކާގައި މަރާލާފައި އޮއްވާ ފެނުނު ހ. ހަންޑްރެޑްފްލާވަރ، އުމުރުން 28 އަހަރުގެ ހުސައިން ރަޒީން (ރަބަރޭ)ގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް ރާއްޖެއިން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރަޒީންގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް ރާއްޖެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ، ރަޒީންގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން އާންމު ކުރި މައުލޫމާތު ފިޔަވައި އިތުރު މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށެވެ. އަދި އެއީ ލަންކާ ފުލުހުން ބަލަމުންދާ މައްސަލައެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ސްރީލަންކާގެ ތަހުގީގު ޓީމާ އެކު މަސައްކަތް ކުރުމަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާގައި ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ލަންކާ ފުލުހުން ބުނެފައިވަނީ، މި މަހުގެ ފަސްވަނަ ދުވަހު ޕިލިއަންދަލާގެ ތަމްބޯވިލާ ބްރިޖް ކައިރީގައިވާ ދަނޑެއްގެ ތެރެއަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވައި ފެނުނު ހުސައިން ރަޒީންގެ މަރާގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ގާތް ރަހްމަތްތެރިއެއް ކަމަށްވާ ބިލާލް ނަމަކަށް ކިޔާ ދިވެއްސެއްގެ ފަރާތުން އެނގު ގޮތުގައި، ރަޒީން މަރާލުމަށް ދިވެހި ވިޔަފާރިވެރިއަކު އޭނާއަށް 14 މިލިއަން ރުޕީސް ވަނީ ހުށަހަޅާފަ އެވެ.
ރަޒީން މަރާލުމުގެ ކުރިން އޭނާ ދަތުރުކުރި ކުލީ ވޭނަކާއި، އަދި އޭނާއަށްހަމަލާދިން ވަގުތު ބިލާލު ލައިގެން ހުރި ހެދުމާއި އެނޫންވެސް ތަހުގީގަށް ބޭނުންވާ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށް ލަންކާ ފުލުހުން ބުންޏެވެ.
ލަންކާ ފުލުހުން ބުނެފައި ވަނީ، ރަޒީންގެ މަރާގުޅިގެން ހައްޔަރުކުރި ބިލާލުއާ އިތުރަށް ސުވާލުކުރުމުން އެނގުނު ގޮތުގައި، އެ ވިޔަފާރިވެރިޔާ (ކާކުކަން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވޭ) ރަޒީން މަރާލަން ބޭނުންވީ، ރަޒީން އެވިޔަފާރިވެރިޔާގެ ކޮއްކޮ އަކު މަރާލާފައި ވާތީއެވެ. އަދި ރަޒީން މަރާލަން އެންމެ ފުރަތަމަ މަސައްކަތްކުރީ ވިޔަފާރިވެރިޔާ އަމިއްލައަށް ކަމަށާއި އެކަން ކާމިޔާބު ނުވުމުން ފައިސާދީގެން އެކަންކުރާން އޭނާ ނިންމީ ކަމަށެވެ.
އެ ވިޔަފާރިވެރިޔާ މާލެއިން ދިވެހި ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ވާހަކަތައް ފެތުރިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ހ. ހަންޑްރެޑް ފްލާވާސް ހުސެއިން ރަޒީން (ރަބަރޭ) އަކީ، ހ. ކުބްރާ އަލީ އިޝާރު މަރާލުމުގެ ތުހުމަތުގައި ތަހުގީގަށް ފުލުހުން ހޯދަމުންދިޔަ މީހެކެވެ. އަދި އޭރު ފުލުހުން އޭނާ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވިއެވެ.