18 Nov 2015, 20:18
ސީނިއާ ގައުމީ ބާސްކެޓްބޯލް ޓީމުށް ނެގި ކުޅުންތެރިންގެ މެދުގައި ބާއްވާ މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ޓީމް ބްލެކާއި، ޓީމް ވައިޓުން ކާމިޔާބު ކޮށްފި އެވެ.
ޖުމްލަ ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފައިވާ އިރު، ޖުމްލަ 9 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނަ މަގާމުގައި އޮތީ ޓީމް ގްރީން އެވެ. އަނެއް ތިން ޓީމަށްވެސް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ދެވަނައިގައި ޓީމް ރެޑް އޮތް އިރު، ތިންވަނާގައި އޮތީ ޓީމް ބްލެކް އެވެ. އަދި ހަތަރު ވަނާގައި އޮތީ ޓީމް ވައިޓެވެ.
ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާއި ވާދަކުރާ ގޮތަށް ކުރިއަށްދިޔަ މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީމް ގްރީންއާއި ޓީމް ވައިޓެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓީމް ރެޑާއި ޓީމް ބްލެކެވެ.
މި މުބާރާތުގައި މި އަހަރު އަލަށް ގައުމީ ސްކޮޑުގައި ހިމެނުނު ޒުވާން ކުޅުންތެރިންނާއި މީގެ ކުރިން ވެސް ކުޅެފައިވާ ކުޅުންތެރިން ވާދަކުރެ އެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ ރެޑް، ވައިޓް، ބްލެކް އަދި ގްރީން އެވެ.