18 Nov 2015, 20:32
އަންނަ މަހު އިންޑިއާގައި ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށްގެ ވެބްސައިޓެއް މިއަދު ލޯންޗް ކޮށްފިއެވެ.
ކުރިން ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި 1993 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންގޮސްފައިވާ އެ މުބާރާތް މިފަހަރު ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ސާފް ސުޒުކީ ކަޕްގެ ނަމުގައެވެ. އެހެންކަމުން ދެއަހަރުން އެއް އަހަރު ބާއްވަމުން އަންނަ އެ މުބާރާތް މީގެ ފަހުން ބާއްވަމުން އަންނާނީ ސްޕޮންސަރކުރާ ފަރާތެއްގެ ނަން ކުރިއަށް ލުމަށް ފަހުގައެވެ.
ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ސުޒުކީ ކަޕް ފެށެން 34 ދުވަހަށް ވެފައިވާއިރު މިއަދު މި ވަނީ އެ މުބާރާތުގެ ރަސްމީ ވެބްސައިޓް (www.saffsuzukicup.com) ލޯންޗް ކޮށްފައެވެ.
އެ ވެބްސައިޓުން ސާފް ސުޒުކީ ކަޕްގެ ހަބަރުތައް ފެންނަށް ހުންނައިރު މެޗުތައް އޮންނަދުވަހާއި ކުޅޭނެ ޓީމްތައް ވެސް އެގޭނެހެން ހުރެއެވެ. އަދި ހަމައެއާއެކު މުބާރާތުގައި ވާދަކުރާ 8 ޓީމްގެ ޕްރޮފައިލްއާއި އެ ޓީމްތަކުގެ ހަބަރުތައްވެސް ފެންނަންހުރެއެވެ.
ސާފް ސްޒުކީ ކަޕަށް ހާއްސަކޮށްގެން ހަދާފައިފާ ވެބްސައިޓްގައި ހިމަނާފައިވާ ސޯސަލް ހައިލައިޓްސްގެ ސްކްރީން ސޮޓެއް
މީގެ އިތުރުން ސޯސަލް މީޑިއާގެ ޓްވިޓާ އަދި ފޭސްބުކްގައި ހޭޝް ޓެގްގައިSAFFSuzukiCup2015#ހިމަނައިގެން ކުރާ ޓްވީޓް ތަކާއި ޕޯސްޓްތައް އެ ސައިޓްގެ ސޯޝަލް ހައިލައިޓްސް ތެރެއިން ފެނިގެން ދާނެއެވެ.
އަންނަ މަހުގެ 23 އިން އަންނަ އަހަރުގެ ޖެނުއަރީ 2ގެ ނިޔަލަށް އިންޑިއާގެ ދިއްލީގައި ބާއްވާ އެ މުބާރާތުގެ އެންމެ ކާމިޔާބު ގައުމަކީ ވެސް އިންޑިއާއެވެ. އެގޮތުން އިންޑިއާ ވަނީ އެ މުބާރާތް ހަ ފަހަރު ހޯދާފައެވެ.
އިންޑިއާ ފިޔަވައި އެހެން އެއްވެސް ގައުމަކަށް އެ މުބާރާތް އެއްފަހަރަށް ވުރެން އިތުރަށް ކާމިޔާބު ކުރެވިފައިނުވާ އިރު އެއް ފަހަރު ކާމިޔާބު ކުރެވިފައިވަނީ ދިވެހިރާއްޖެ، ބަގްލަދޭޝް، ސްރީލަންކާ އަދި އަފްގާނިސްތާނަށެވެ.
ދިވެހިރާއްޖެވަނީ އެ މުބާރާތުގެ ތަށި 2008 އަހަރު އުފުލާލާފައެވެ. ޓީމްގެ އަމާޒަކީ މިފަހަރުވެސް މިމުބާރާތުގެ ތަށި ރާއްޖެގެނައުން ކަމަށް އެފްއޭއެމުން ބުނެއެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން އެދުވަހު މެންދުރުފަހު ތިނެއްޖަހާއިރުއެވެ.