މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއިން އެކްސްޕޯޓުކުރެވުނު މުދަލުގެ އަގު މިދިޔަ އަހަރުގެ އެމުއްދަތާ އަޅައިބަލާއިރު 43 ޕަސެންޓް އިތުރުވެ އިމްޕޯޓް ކުރެވުނު މުދަލުގެ ނިސްބަތް 0.2 ޕަސެންޓް އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އޮކްޓޯބަރުގެ ނިޔަލަށް 2.13 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވާއިރު މިއަހަރު އެ އަދަދު ވަނީ 3.05 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 26.01 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިދިޔަ އަހަރުގެ އެހާތަނަށް އެތެރެކޮށްފައިވަނީ 25.96 ބިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރާ އަޅައިބަލާއިރު ދުނިޔޭގެ ބާޒާރުގައި މިއަހަރު ތެލުގެ އަގު އެވްރެޖްކޮށް ވަރަށް ބޮޑަށް ދަށްވެފައިވާ ވުމަކީ، ރާއްޖޭގެ އިމްޕޯޓު އިތުރުވަމުން އައި ނިސްބަތް ދަށްވެފައިވާ މައިގަނޑު ސަބަބު ކަމަށެވެ. ތެލުގެ ބާވަތްތަކަށް ކުރެވުނު ހޭދަ ފިޔަވައި، އޮކްޓޯބަރުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ އަގު އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ވަނީ 18 ޕަސެންޓް އިތުރުވެފައެވެ.

މިދިޔަ އަހަރު، ތެޔޮ މެޓްރިކް ޓަނެއްގެ އަގު އެވްރެޖްކޮށް 14,900 ރުފިޔާގައި ހުރި އިރު މިއަހަރު ތެޔޮ މެޓްރިކް ޓަނަކަށް އެވްރެޖްކޮށް ޖެހިފައިވަނީ 7,900 ރުފިޔާއެވެ. އެއީ ގާތްގަނޑަށް 47 ޕަސެންޓް ދަށްވުމެކެވެ.

އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި އޮކްޓޯބަރުމަހުގެ ނިޔަލަށް ކަސްޓަމްސްއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅައިބަލާއިރު 12 ޕަސެންޓް ވަނީ އިތުރުވެފައެވެ. ފާއިތުވި އަހަރުގެ އޮކްޓޯބަރުމަހާއި ހަމައަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.62 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް 1.82 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.