18 Nov 2015, 17:23
ފިލިޕީންސްގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ އަބޫ ސައްޔާފް ޖަމާއަތުން ރަހީނުކޮށްފައި ހުރި މެލޭޝިއާ މީހެއްގެ ބޯ އެޖަމާއަތުން ކަނޑާލައިފިއެވެ.
މެލޭޝިއާގެ ޑެއިލީ ސްޓާ ނޫހުން ބުނެފައިވަނީ، ސަރަވަކިއަން ބާނާޑް ދެން ނަމަކަށް ކިޔާ މެލޭޝިއާ މީހާގެ ބޯ އަބޫ ސައްޔާފް ޖަމާއަތުން ކަނޑާލާފައިވާ ކަން ފިލިޕީންސް ސިފައިންގެ ޖޮއިންޓް ޓާސްކްފޯސް ސޫލޫގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އެލަން އަރޮޖާޑޯ ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ބާނާޑް ދެންގެ ބޯ ކަނޑާލާފައި ވަނީ ފިލިޕީންސްގެ ޖޯލޯ ޖަޒީރާގައި އިއްޔެރޭ ފަތިހުއެވެ.
އަބޫ ސައްޔާފް ޖަމާއަތުގެ ހަނގުރާމަވެރިން، އުމުރުން 39 އަހަރުގެ އިލެކްޓްރިކަލް އިންޖިނިއަރެއް ކަމަށްވާ ދެން ރަހީނުކޮށްގެން ގެންގޮސްފައި ވަނީ ސަންޑާކަން ނަމަކަށް ކިޔާ ރަށުގެ ރެސްޓޯރެންޓެއްގައި ހުއްޓައި މިދިޔަ މޭމަހުއެވެ. އުމުރުން 50 އަހަރުގެ ތިއެން ޔުކް ފަން ނަމަކަށް ކިޔާ ރެސްޓޯރެންޓް މެނޭ ޖަރެއް ވެސް ދެންއާއި އެކު އެޖަމާއަތުން ރަހީނު ކުރިއެވެ. ނަމަވެސް އަބޫ ސައްޔާފް ޖަމާއަތުން ފަހުން ވަނީ ތިއެން ދޫކޮށްލާފައެވެ.