މިނިވަން 50 ޗެމްޕިއަންޝިޕުގެ ދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދ. މާއެނބޫދޫ ހޯދައިފި އެވެ.

ލީގު އުސޫލުން ކުޅުނު އެ މުބާރާތުގެ ޗެމްޕިއަންކަން މާއެނބޫދޫއިން ހޯދީ ފަހު މެޗުގައި އިއްޔެ ހަވީރު 0-2 ގެ ނަތީޖާއަކުން ކުޑަހުވަދޫ ބަލިކޮށްގެންނެވެ.

މާއެނބޫދޫއިން އެއް ވަނަ ކަށަވަރުކުރީ 13 ޕޮއިންޓާ އެކު އެވެ. މާއެނބޫދޫ އަށް ވުރެން އެއް ޕޮއިންޓް މަދުން ލިބިގެން 12 ޕޮއިންޓާއި އެކު ދެ ވަނަ މަގާމް ލިބުނީ އެ މެޗުން ބަލިވި ކުޑަހުވަދޫ ޓީމަށްށެވެ.

ޗެމްޕިއަންކަން ހޯދި މާއެނބޫދޫ އަށް -\20،000 ރ. ލިބުނުއިރު އެޓީމް ވަނީ މިނިވަން 50 ޗެމްޕިއަންޝިޕުގެ ދެ ވަނަ ބުރު ކަމަށްވާ (ޒޯން މުބާރާތް) އިން ޖާގަ ލިބިފަ އެވެ. ކޮންމެ ޒޯނެއްގައި، ޒޯން މުބާރާތް ބާއްވާއިރު ފުރުސަތު ލިބޭނީ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމަށެވެ.

އަދި ކޮންމެ ޒޯނެއްގެ ޗެމްޕިއަނުންނަށް އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި ބާއްވާ މިނިވަން 50 ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. މިނިވަން 50 ޗެމަޕިއަންޝިޕުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުން ޖާގަ ލިބޭނެ އެވެ.

އެފްއޭއެމުން މި އަހަރު އަލަށް ތައާރަފްކުރި އެ މުބާރާތުގެ ސްޕޮންސަރަކީ އެސްޓީއޯ އެވެ.