18 Nov 2015, 16:07
މިހިނގާ ނޮވެމްބަރުމަހުގެ 27 ވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރާނެ ކަމަށް އިއުލާންކޮށްފައިވާ މުޒާހަރާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ފުލުހުން އެ ޕާޓީއާ މަޝްވަރާކުރަން ނިންމައިފި އެވެ.
އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީއާ މަޝްވަރާކުރަން ނިންމީ ތިން މުއައްސަސާ އިން މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އެމްޑީޕީގެ މުޒާހަރާއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ތިން މުއައްސަސާއިން ބައްދަލުވުމެއް ބޭއްވީ މިއަދު ހެނދުނު އެވެ. ސިޔާސީ އެއްވުންތައް ގާނޫނާ ގަވާއިދުގެ ތެރެއިން ބޭއްވުމަށް އީސީން އަބަދު ވެސް ބާރު އަޅާނެ ކަން އެ ބައްދަލުވުމުގައި ފާހަގަކޮށްފައިވާނެ ކަމަށް އެކޮމިޝަނުން ބުންޏެވެ. އެފަދަ އެއްވުންތަކަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް އެއްބާރުލުން ދޭނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުނި ކަމަށް ވެސް އީސީގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ސިޔާސީޕާޓީތަކުން ގާނޫނާ ގަވައިދާ ހިލާފަށް ކުރާ ކަންތައްތަކާއި މެދު ނަސޭހަތްތެރިވެ، ފިޔަވަޅު އަޅަމުން ގެންދާނެ ކަން ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.