މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީގައި މަރުވި އަހުސަން ބަޝީރު 21، ގެ މަރުގެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާ ފުލުހުން ސުވާލު ކުރަންފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް މިއަދު ވަނީ ސަން އަށް އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

"އަޅުގަނޑަށް ހަމައެކަނި ދަންނަވާލެވޭނީ އެ މައްސަލަ އާ ގުޅިގެން އަށާރަ އަހަރުން ދަށުގެ އަންހެން ކުއްޖަކާ ފުލުހުން ސުވާލު ކުރަމުން އަންނަ ކަން،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ސަން އަށް އެނގި ފައިވާ ގޮތުގައި އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގައި މިހާރު ފުލުހުން ސުވާލު ކުރަމުން އަންނަ އަންހެން ކުއްޖަކީ މަރުގެ މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ގ. ކޯޒީ އިބްރާހިމް ޝަހުމްގެ ރައްޓެއްސަކު ލޯބިވެރިއެއްގެ ގޮތުގައި ގެންގުޅުނު އަންހެންކުއްޖެކެވެ. ބަޝީރުގެ ގަޔަށް ވަޅިހެރި ވަގުތު އެ އަންހެން ކުއްޖާ އެ ތަނުގައި ހުރި ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ. އަދި ބުރުގާ އަޅާ ކުޑަ އަންހެންކުއްޖާ އެ ހާދިސާ އަށް ފަހު ބުރުގާ ނަގައި ސިފަ ބަދަލުކޮށްފައިވާ ކަމަށް ވެސް ސަންއަށް ވަނީ އެނގިފަ އެވެ.

މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅޭ ކަންމަތީގެ ޓްރެފިކް ލައިޓް ކައިރިން ބަޝީރަށް ހަމަލާދިން މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފިލުވުމަށް މަސައްކަތް ކުރި ދެ މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުން ފިލުވުމުގައި އެހީތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ލ. މާވަށު އެވަބްލޫ މުހައްމަދު ވިޝާމް 18، އަދި މއ. ސީނަރީވިއު އާތިފް ރަޝީދު 20، އެވެ.

މ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކުރެލީގައި ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރީ ޝަހުމް އާއި އަދި މއ. ވީނަސް ތަރި، ހަސަން ޝިމާޒު މުހައްމަދު ސުވާދު 20، އާއި 18 އަހަރުން ދަށުގެ ކުއްޖެކެވެ.

ބަޝީރަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް މިހާތަނަށް ތުހުމަތު ކުރެވޭ ދެ މީހުންނަކީ ޝަހުމާއި އަދި ޝިމާޒެވެ. އެ މީހުން ކުރެއްޔަށް ގޮސްފައި ވަނީ ލޯންޗެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުން ސީސީޓީވީގެ ފޫޓޭޖް ވެސް ހޯދާ ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރަމުންނެވެ.

ބަޝީރުގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝަހުމަކީ މ. ބިއުޓީފްލާވާ މުހައްމަދު ހުސައިންގެ މަރުގެ ތުހުމަތުގައި ވެސް ދައުލަތުން ދައުވާ ކުރާ މީހެކެވެ. ނަމަވެސް ދާދިފަހުން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ ހަ މަސްވީ އިރު ވެސް މެޑިކޯ ލީގަލް ރިޕޯޓް ނުލިބުމުން ހެލްތު މިނިސްޓަރު ޒިންމާދާރު ކުރުވަން ކަމަށް ބުނެ އެވެ.

ބަޝީރަށް ވަޅިން ހަމަލާދިނީ ކޯޓުން ޝަހުމް ދޫކޮށްލިތާ ތިން ހަފުތާއާ ހަ ދުވަހުގެ ތެރޭގަ އެވެ. އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާދޭން ބަޝީރު ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް އޭނާ އަށް ހަވާލުވެ ތިބި ފުލުހުން ގާތުގައި ވަޅިން ހަމަލާ ދިނީ ޝަހުމް ކަމަށް ބަޝީރު ބުނެފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. މި މައްސަލަ ބަލައި ތަހުގީގު ކޮށްދިނުމަށް އެދި އާއިލާއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.