18 Nov 2015, 15:46
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ހަމައެކަނި ކުރިމަތިލެއްވި އައިޝަތު ބިސާމް، ޕީޖީގެ މަގާމަަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައިފި އެވެ.
އެޓާނީ ޖެނަރަލްގެ މަގާމު ވެސް ފުރުއްވެވި ބިސާމް ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވިއިރު އޭނާ މިހާރު ހުންނެވީ ރައީސް ލީގަލް ސެކަރެޓަރީގެ މަގާމުގަ އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޖީގެ މަގާމަށް ކުރިމަތިލެއްވީ ބިޝާމް އެކަނި ކަމަށެވެ.
PG ge maqaamah kurimathilevvy hama ekani Aishath Bisaam. E nan, Raees vany miadhu majileehah fonuvvaafai.
— Ibrahim Muaz Ali (@SpokespersonMV)November 18, 2015
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމު ހުސްވެފައި ވަނީ، އެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމުންނެވެ. އޭނާ މަގާމުން ދުރުކޮށްފައި ވަނީ ޕީޖީގެ މަގާމުގެ މަސްއޫލިއްޔަތުގެ ދަށުން ލިބިފައިވާ މައުލޫމާތު ކަމާ ގުޅުން ނެތް ފަރާތްތަކާ ހިއްސާކޮށްފައިވާތީ އާއި ޖިނާއީ މައްސަލަތަކުގެ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކާ މެދު ވަކި ގޮތަކަށް އަމަލު ކުރުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ ފަރާތްތަކާއި މަޝްވަރާކޮށް ވަކި މަންފާއެއް ހޯދައި ދިނުމަށް ޕީޖީގެ މަގާމުގައި ހުންނެވި މުހުތާޒު މަސައްކަތް ކޮށްފައިވާތީ އެވެ.