ރާއްޖޭގައި ހުރި އިސްލާމިކް ޔުނިވާސިޓީގައި އަންނަ އަހަރުން ފެށިގެން އިސްލާމީ އިގްތިޞާދު ކިޔަވައިދޭ ފެކަލްޓީއެއް ހުޅުވާނެ ކަމަށް ޔުނިވާސިޓީ އިން ބުނެފި އެވެ.

އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަހަކަފުޅު ދައްކަވަމުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަންނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ އެ ފެކަލްޓީ އިން އިސްލާމީ އިގްތިޞާދުގެ އިތުރުން އެ މާއްދާއާ ގުޅޭ ގިނަ ބައިތަކެއް ކިޔަވައިދޭނެ ކަމަށެވެ.

"އިސްލާމީ އިގްތިޞާދުގެ ތަފާތު ދާއިރާތައް ކަމަށްވާ އިސްލާމިކް ބޭންކިން އާއި އިސްލާމިކް އިންޝިއުރެންސް އާއި އިގްތިޞާދާ ގުޅޭ އިސްލާމީ އިލްމު އެ ފެކަލްޓީ އިން ކިޔަވައިދޭން ފަށާނެ،" ޝަހީމް ވިދާޅުވި އެވެ.

އެގޮތުން ޔުނިވާސިޓީގެ ގާނޫނުގެ ދަށުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީގައި މިހާރު ހަތަރު ފެކަލްޓީއަކާއި ތިން ސެންޓަރެއް ހުރެ އެވެ.

ޔުނިވާސިޓީ އިން ކުރިއަށް ރާވާފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ޝަހީމް ވިދާޅުވީ މިއަންނަ އަހަރުގައި ބައެއް ޕްރޮގްރާމްތައް އަރަބި ބަހުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

"ޝަރުއީ ދާއިރާ އިން ބައެއް ޕްރޮގްރާމްތައް އަންނަ އަހަރު އަރަބި ބަހުން ކިޔަވައިދޭން ބޭނުވާތީ އެގޮތަށް ބަދަލު ކުރަން ނިންމީ. އޭގެ އިތުރުން އަރަބި ބަހުން އުނގެނުމަށް ވަރަށް ގިނަ ދަރިވަރުން ވަނީ އެދިފައި. ރާއްޖެ އިން ބޭރުގެ ބައެއް ޔުނިވާސިޓީތަކުން ބީއޭ ހަދާފައި ތިބި ވަރަށް ގިނަ ދަރިވަރުން އެބަތިބި،" ޝަހީމް ވިދާޅުވި އެވެ.

އަރަބި ބަހުން ކިޔަވައިދިނުމަށް ޓީޗަރުން ހޯދުމުގެ ގޮތުން އަލް އަޒްހަރު ޔުނިވާސިޓީ ކުރެ އެދިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަޒްހަރު ޔުނިވާސިޓީ އިން ޕީއެޗުޑީ ފެންވަރުގެ ޓީޗަރުން ރާއްޖެ އައުމާ އެކު އެކި ގައުމުތަކުގެ ދަރިވަރުން ރާއްޖެ އައުމަށް މަގުފަހި ވެގެން ދާނެ ކަމަށެވެ.

ޔުނިވާސިޓީ އެޅުމަށް ބޭނުންވާ ބިން، ހުޅުމާލެއިން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.