18 Nov 2015, 16:16
ރިޔާޒް (ނޮވެމްބަރު 18) : ސައޫދީ ބަޖެޓަށް ވަގުތީ ގޮތުން ކުރިމަތިވެފައިވާ މާލީ ދަތިތަކެއް ފިލުވާލުމަށްޓަކައި 20 ބިލިޔަން ރިޔާލް (5.3 ބިލިޔަން ޑޮލަރު) ގެ ޓީބިލް އަންނަ ހަފްތާގައި ވިއްކާނެކަން ސައޫދީ މާލީ ދާއިރާތަކުން ހާމަކޮށްފިއެވެ.
ނަންހާމަކުރަންނޭދޭ ސައޫދީ މަސްއޫލުވެރިއަކާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން މި ޓީ ބިލްތައް ވިއްކުމަށްޓަކައި ސައޫދީ މާލީ ވުޒާރާއިން މިހާރުގެންދަނީ އެގައުމުގެ ބޭންކްތަކާ ވާހަކަ ދައްކަމުންނެވެ. މި 20 ބިލިޔަން ރިޔާލްގެ ޓީބިލްތަކާއެކު މިއަހަރުގެ މިހާތަނަށް ސައޫދީ ސަރުކާރުން އެގައުމުގެ ބޭންކްތަކަށް ވިއްކި ޓީބިލްތަކުގެ އަދަދު 95 ބިލިޔަން ރިޔާލް (25 ބިލިޔަން ޑޮލަރު) އަށް އަރާނެ ކަމަށްވެއެވެ.
ސައޫދީ އަރަބިޔާއަކީ 2007 ން ފެށިގެން ޓީބިލް ވިއްކުންހުއްޓާލާފައިވާ ގައުމެކެވެ. ނަމަވެސް މިދިޔަ އަހަރު ތެލުގެ އަގު އާދަޔާ ޚިލާފަށް ދަށަށް ދިޔުމުގެ ސަބަބުން ސައޫދީ ޚަޒާނާއަށް ވަނީ މާލީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. މިދަތިތައް ފޫބެއްދުމަށް ޓަކައި ސައޫދީ ސަރުކާރުންވަނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން އަނެއްކާވެސް ލޯކަލް ބޭންކްތަކަށް ޓީބިލް ވިއްކަން ފަށާފައެވެ.
ތެލުގެ އަގު ދަށަށްދިޔުމުގެ ސަބަބުން މިއަހަރު ސައޫދީ އަރަބިޔާއަށް 78 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެއެވެ.
މި ގެއްލުން ފޫބެއްދުމަށްޓަކައި ސައޫދީ ސަރުކާރުންވަނީ އެގައުމުން ރައްކާކޮށްފައިވާ ރިޒާވް ފައިސާގެ ތެރެއިންވެސް އެތަށް ބިލިޔަން ޑޮލަރެއް ނަގާފައެވެ. ނަމަވެސް ރިޒާވް ފައިސާގެ ތެރެއިން ނެގިމިންވަރު ސައޫދީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ޓީބިލް ވިއްކަނީ ކުރުމުއްދަތަކަށް ބަޖެޓަށް ކުރިމަތިވާ ފައިސާގެ ދަތިތައް ހައްލު ކުރުމަށެވެ. ނަމަވެސް ފަހަށް ރައްކާކޮށްފައިވާ ރިޒާވް ފައިސާގެ ތެރެއިންވެސް ބައެއް ނަގަނީ ޖުމްލަ ގޮތެއްގައި ގައުމަށް ލިބޭ އާމްދަނީ ދަށަށް ދިޔުމުގެ ސަބަބުން ބަޖެޓަށް ކުރިމަތިވާ ބޮޑެތި އަދި ދިގުމުއްދަތުގެ މައްސަލަތައް ޙައްލު ކުރުމަށެވެ. (ރޮއިޓާސް)