18 Nov 2015, 14:55
ޔަމަނުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ އަދަނީ އެ ގައުމުގެ ވަގުތީ ވެރިރަށް ކަމަށް އެގައުމުގެ ރައީސް ޢަބުދުއް ރައްބު މަންސޫރު ހާދީ އިއުލާން ކުރައްވައިފި އެވެ.
ހޫޘީން ޔަމަނުގެ ވެރިރަށް ޞަންޢާއަށް ވެރިވެގަތުމާ ގުޅިގެން ގައުމު ދޫކުރައްވައި ވަޑައިގެން ހާދީ ހުންނެވީ ސަޢުދީ ޢަރަބިއްޔާގަ އެވެ. އޭނާ ޔަމަނަށް އެނބުރި ވަޑައިގެންނެވީ އިއްޔެ ކަމަށާއި ފައިބައި ވަޑައިގެންނެވީ އަދަނަށް ކަމަށް ސަޢުދީ ޢަރަބިއްޔާގެ ނޫހެއް ކަމަށްވާ ސަޢުދީ ގެޒެޓުން ބުންޏެވެ.
ހާދީގެ އުފަން ރަށް ކަމަށްވާ އަދަނަށް ވަޑައިގެން އޭނާ ވަޑައިގެންނެވީ އޭނާގެ ގަނޑުވަރަށް ކަމަށާއި އޭނާ އަށް ވަފާތެރި ސިފައިން ހޫޘީންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ކަންތައް ވަގުތުން ބައްލަވަން ފަށްޓަވާފައިވާ ކަމަށް ނޫހުން ބުންޏެވެ.
ހާދީ އަދަނަށް ވަޑައިގެންފައި މިވަނީ ޔަމަނުގެ ބޮޑުވަޒީރު ޚާލިދު ބާހާ، އޭނާގެ ސަރުކާރު އަދަނަށް އެނބުރި އައިސްފައިވާކަން އިއުލާންކުރެއްވިތާ ދުވަސްތަކެއް ފަހުންނެވެ. އެއީ ސަޢުދީ ޢަރަބިއްޔާއާއި ޔްނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ސިފައިން ގުޅިގެން ކުރި ހަނގުރާމައިގައި ޙޫޘީން އަދަނުން ބޭރުކޮށްލުމުންނެވެ.
އަދަނުގައިވާ ހާދީގެ ގަނޑުވަރު، ހަނގުރާމައިގައި ވަރަށް ބޮޑަށް ހަލާކުވެފައި ވަނިކޮށް އެގަނޑުވަރު މަރާމާތު ކުރީ ޔޫއޭއީ ސަރުކާރުންނެވެ.
ޔަމަނުގެ ވެރިރަށް ޞަންޢާ އަދިވެސް އޮތީ އިދިކޮޅު ޙޫޘީ ހަނގުރާމަވެރިންގެ އަތްދަށުގަ އެވެ.