ސިޔާސީ ޕާޓީތަކުގެ ތެރެއިން 7،000 މެންބަރުން ހަމަވުމުން، ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހޭ ގޮތަށް ގޮތަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭރުކޮށްލައިފި އެވެ.

މަކުނުދޫ ދާއިރާގެ، އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ހުށަހެޅުއްވި އެ ބިލް މަޖިލީހަށް ބަލައިގަތުމާ މެދު ބަހުސްކުރުމަށް ފަހު، ނެގި ވޯޓުގައި އެ ބިލް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 23 މެމްބަރުންނެވެ. އެ ބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް 42 މެމްބަރަކު ވޯޓު ދެއްވުމުން އެ ބިލް ވަނީ ތަޅުމުން ބޭރުވެފަ އެވެ.

ޕާޓީ ރަޖިސްޓްރީ ކުރިއިރު، ފިންގާ ޕްރިންޓް ނުޖަހާ މެމްބަރުން އަލުން ފިންގާ ޕްރިންޓް ޖެހުމަށް އިލެކްޝަން ކޮމިޝަން އެންގި މުއްދަތުގައި އަލުން ފޯމު ހުށަހަޅަން ވަގުތު ނެތް ކަމަށް އަނާރާ ވިދާޅުވި އެވެ.

ބިލުގެ ބަހުސް މަރުހަލާގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ރާއްޖެއަކީ 100 ޕަސެންޓު މުސްލިމުން އުޅޭ ގައުމަކަށް ވުމުން އަދާލަތު ޕާޓީ ފަދަ ދީނީ ގޮތުން ބަސް ބުނާ ޕާޓީއެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މަސްރަހަށް ހިދުމަތް ކޮށްދޭ ޕާޓީއެއް ނަމަ އެ ޕާޓީއެއް އޮތުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަ ނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުދިނުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 17 ގަ އެވެ. އަދި އެ ބިލު ތަސްދީގު ކުރައްވާފައި ވަނީ އެ މަހުގެ 19 ގައެވެ.

ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު ވެސް ބުނެފައިވާ ގޮތަށް ޕާޓީއެއްގައި މަދުވެގެން 3000 މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ފައިސާ ދޫނުކުރާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.