ރާއްޖޭގެ ރިސޯޓްތަކަށާއި އަމިއްލަ ފަރާތްތަކަށް ޗާޓަރު ކުރެވޭ ގޮތައް ހެލިކޮޕްޓަރުގެ ޚިދުމަތްދިނުމަށް ޔޫރަޕްގެ ދެ ކުންފުންޏަކުން ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވުމުގެ ޚިދުމަތް ދިނުމަށް ބޭރުގެ ދެ ކުންފުންޏަކުން ސަރުކާރާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ދެ ކުންފުންޏަށް އަދި ލައިސަންސްދީފައިނުވާ ކަމަށާއި ލައިސަންސް ދިނުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ސިވިލްއޭވިއޭޝަން އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބިފައި މިއޮތް ޕްރޮޕޯސަލަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ދިހަ ހެލިކޮޕްޓަރު ގެންނާނެ ފަދަ ޕްރޮޕޯސަލެއް. އަޅުގަނޑުމެން އެކަން ދިރާސާ ކުރަމުން މިދަނީ. ސިވިލްއޭވިއޭޝަނުން ވެސް ކުރަން ޖެހޭ ދިރާސާތައް ކުރަމުން އެގެންދަވަނީ،" ޒަމީރު ވިދާޅުވި އެވެ.

ޕްރޮޕޯސަލްގައިވާ ގޮތުން އެ މަސައްކަތް ފަށާއިރު އެއް ކުންފުނިން ތިން ހެލިކޮޕްޓަރު އަދި އަނެއް ކުންފުނިން ދެ ހެލިކޮޕްޓަރު ގެންނާނެ އެވެ. އަދި އެއް އަހަރުތެރޭ އޮޕަރޭޓް ކުރުމަށް ފަހު ކޮންމެ ކުންފުންޏަކުން އިތުރު ފަސް ހެލިކޮޕްޓަރު ގެންނަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިކަމަކީ މަތީފަންތީގެ ރިސޯޓުތަކަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.

"ހެލިކޮޕްޓަރު ބޭނުންކޮށް އުޅޭނީ އަޅުގަނޑަށް ހީވާ ގޮތުން ސެލެބްރިޓީންނާއި ހައި ނެޓްވޯކް ޓޫރިސްޓުން. އެހެންވީމަ އަޅުގަނޑަށް ހީވަނީ މަތީ ޓަޔާގެ ރިސޯޓުތަކަށް އަސްލުގަ ލިބޭ ވަރަށް ބޮޑު ކުރި އެރުމެއް. އަޅުގަނޑުމެންގެ ރާއްޖެ މަޝްހޫރުވާންވެސް ލިބޭ ފުރުސަތެއް،" ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް އެ ދެ ކުންފުނިން ޓްރާންސްފާގެ ޚިދުމަތްދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.