މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަންގެ ރައީސަކަށް ދިވެހި ރާއްޖޭގެ އަޑުގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ބަދުރުއް ނަސީރާއި ނާއިބު ރައީސަކަށް ސަން އެފްމްއެމްގެ ކުރީގެ ސީއޯއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު ހޮވައިފި އެވެ.

ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްޔެ އުފެއްދެވި އެ ކޮމިޝަންގެ ރައީސް އާއި ނައިބް ރައީސް ހޮވުން އޮތީ މިއަދު ހެނދުނު އެ ކޮމިޝަންގެ ހަތް މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.

ކޮމިޝަންގެ އިއްތިފާގުން ރައީސް ކަމަށް ހޮވިވަޑައިގެންނެވި ބަދުރު ވިދާޅުވީ ކޮމިޝަނުން މަސައްކަތް ކުރާނީ ބްރޯޑްކާސްޓިން ދާއިރާގެ ހުރިހާ ކަމެއް ވެސް ރަނގަޅަށް ގެންދެވޭތޯ ކަމަށެވެ. އެގޮތުން އެ ކޮމިޝަނުން އެ މަސައްކަތް ކުރަމުން ގެންދާނީ ބްރޯޑްކާސްޓަރުންނާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތެއް އެބަހުރި. ބްރޯޑްކާސްޓިންގެ ތެރޭގައި އެބަ އުޅޭ ތިން ބާވަތެއް. ކޮމިއުނިޓީ ބްރޯޑްކާސްޓިން އާއި، ޕަބްލިކް ސާވިސް ބްރޯޑްކާސްޓިން އަދި ޕްރައިވެޓް ބްރޯޑްކާސްޓިން. ޤާނޫނެއް އަދި ހެދިފައި އޮތީ ޕަބްލިކް ސާވިސް ބްރޯޑްކާސްޓިން އަށް އެކަނި. ދެން އަޅުގަނޑުމެން މިކުރާ ޕްރައިވެޓް ބްރޯޑްކާސްޓިން އާ ބެހޭ ޤާނޫނެއް އަދި ނުވެސް ނެތް. އެހެންވެ އެދެ ބާވަތުގެ ބްރޯޑްކާސްޓިންއާ ބެހޭ ޤާނޫނެއް ވެސް އަޅުގަނޑުމެން އެބަހަދަން ޖެހޭ،" ބަދުރު ވިދާޅުވި އެވެ.


އަދި އެންމެ ބޮޑު މަސައްކަތަކަށް ވާނީ ރާއްޖޭގެ މީޑިއާ އަކީ ރާއްޖެ ތަރައްޤީކޮށް، އިންސާނީ ވަސީލަތްތައް ކުރިއަރުވާ މުޖުތަމައެއް ބައްޓަން ކުރާ އެއްޗަކަށް މިހާރަށް ވުރެ ބޮޑަށް ހެދޭތޯ މަސައްކަތް ކުރުން ކަމަށް ބަދުރު ވިދާޅުވި އެވެ.
ކޮމިޝަނަށް ސިޔާސި އެއްވެސް ނުފޫޒެއް ފޮރުވިދާނެތޯ ދެންނެވުމުން ބަދުރު ވިދާޅުވީ އެ ކޮމިޝަނަށް ސިޔާސީ އެއްވެސް ފިއްތުންތަކެއް ކުރިމައްޗެއް ނުވާނެ ކަމަށެވެ.

"އެބަޔަކު އަޅުވެތިވެ މިނިވަންވަނީ އެބަޔަކު އަމިއްލަ އަށް. އެހެންވެ އެކަންތައްތައް ދުއްވާލެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. ރާއްޖޭގައި ހުރި ބްރޯޑްކާސްޓަރުންނަށް ބަލާލި ނަމަވެސް ހަމަ ކޮންމެވެސް މުއްސަނދި ބޭފުޅެއް އެކަންތައްތައް ކުރައްވާފައި ހުންނަނީ. އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ މުޖްތަމައު އަށް އިސްކަންދީގެން ކުރިއަށް ދެވޭ ގޮތަށް،" ބަދުރު ވިދާޅުވި އެވެ.

އަލަށް އެކުލަވާލި ބްރޯޑްކާސްޓިންގް ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދަނީ ކުރީގެ އިންފޮމޭޝަން ޑިޕާޓްމަންޓް ހުރި އިމާރާތުގަ އެވެ.