18 Nov 2015, 13:10
ޔަމަނުގައި ބަނޑަށް ޖެހިފައިވާ 500،000 ކުޑަކުދިން އެބަތިބި ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑުރެންސް ފަންޑު (ޔުނިސެފް) އިން އިއްޔެ ބުނެފި އެވެ.
ޔުނިސެފުގެ އެގްޒެކަޓިވް ޑިރެކްޓަރު އެންތަނީ ލޭކް ވިދާޅުވި ގޮތުގައި ޔަމަނުގެ ކުޑަކުދިންނަށް ބޭނުންވާ ވަރަށް ފައިދާ ހުރި މާއްދާތައް ނުލިބުމުގެ ސަބަބުން އެ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ހެދި ބޮޑު ވުމަށް ބުރޫ އަރާނެ އެވެ.
އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން އޮގަސްޓް މަހު ބުނީ ޔަމަނުގެ މިހާރުގެ އިންސާނީ ހާލަތު ހުރި ގޮތުން އެ ގައުމުގެ ގިނަ މީހުން ތިބީ ބަނޑަށް ޖެހިފައި ކަމަށެވެ. އެގޮތުން، ގައުމުގެ 13 މިލިއަން މީހުންނަށް ކާނާ ނުލިބޭ ކަމަށާއި އޭގެ ތެރެއިން ހަ މިލިއަން މީހުން ވަނީ ސީރިއަސް ހާލުގައި ކަމަށް އެ ޖަމްއިއްޔާ އިން ފާހަގަ ކުރި އެވެ.
އދ. އިން އެހެން ބުނެފައި ވަނީ ޔަމަނުގެ ކުރީގެ ސަރުކާރު ވައްޓާލުމަށް ފަހު ވެރިކަމަށް އައިސްފައިވާ ހޫޘީންނާ ދެކޮޅަށް އަރަބި ކޯލިޝަން އިން ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައި ވަނިކޮށެވެ. ކުރީގެ ރައީސް، އަބްދުއް ރައްބު މަންސޫރު ހާދީގެ ސަރުކާރު އަނބުރާ ވެރިކަމަށް ގެނައުމަށް ޓަކައި ސައުދީން އިސްވެއޮވެގެން ކޯލިޝަނެއް ހެދުމަށް ފަހު ހަނގުރާމައިގައި ބައިވެރިވެފައި ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ސައުދީން ހަނގުރާމައިގައި ބައިވެރިވީ ފަހުން ޔަމަނުގެ 7،500 އާންމުން ވަނީ މަރުވެފަ އެވެ. އަދި 14،000 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. މީގެ އިތުރުން ސައުދީން ދޭ ވައިގެ ހަމަލާތަކުގެ ސަބަބުން ގައުމުގެ ގިނަ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ފެކްޓަރީތައް ވަނީ ހަލާކުވެފަ އެވެ.
ޔަމަނުގެ މައްސަލައަށް ވާހަކަ ދައްކައިގެން ހައްލެއް ގެނައުމަށް އދ. އިން ވަނީ ހޫޘީންނަށާއި ހާދީގެ ސަރުކާރަށް ގޮވާލާފަ އެވެ.
މައުލޫމާތު: ޕުރެސް ޓީވީ