ދެކުނު އެމެރިކާ ސަރަހައްދުގައި ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕެރޫ އަތުން 3-0 އިން ބްރެޒިލް މޮޅުވި އިރު، ކޮލަމްބިއާ އަތުން 1-0 އިން އާޖެންޓީނާ ރޭ މޮޅުވެއްޖެ އެވެ.

ރޭގެ މެޗުގެ ކުރިން ކޮލިފައިންގައި އާޖެންޓީނާ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަނެއް މެޗުން ވަނީ ބަލިވެފަ އެވެ.

މެޗް ފެށިގެން ކޮލަމްބިއާ އިން ރަނގަޅަށް ކުޅެމުންދަނިކޮށް އާޖެންޓީނާ އިން ވަނީ މެޗުގައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ފުރަތަމަ ހާފްގެ 20 ވަނަ މިނަޓުގައި ލަވޭޒީގެ އެހީތެރިކަމާ އެކު ކާމިޔާބުކޮށްދިނީ ލޫކަސް ބިގްލިއާ އެވެ.

އެ މެޗުގެ ދެވަނަ ހާފްގައި ކޮލަމްބިއާ އަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަ ނަމަވެސް މެޗު ނިމިގެންދިއިރު ވެސް އެ ޓީމަކަށް ވަނީ ލަނޑެއް ކާމިޔާބުކުރެވޭ ގޮތްނުވެފަ އެވެ.

އާޖެންޓީނާއާއި ކޮލަމްބިއާ ބައްދަލުކުރި މެޗްގައި އާޖެންޓީނާގެ ޑިމާރިއާ ބޯޅަ ޖަހަނީ --- ފޮޓޯ:އޭޕީ

މި ނަތީޖާއާ އެކު އާޖެންޓީނާ ވަނީ ވާލްޑްކަޕް ކޮލިފައިންގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދާފަ އެވެ. އެޓީމު ވަނީ ކޮލިފައިންގައި ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓް ހޯދާފަ އެވެ. މި މެޗުން ބަލިވި ކޮލަމްބިއާ ކުޅުނު ހަތަރު މެޗުން ހޯދިފައި ވަނީ ހަތަރު ޕޮއިންޓެވެ.

ބްރެޒިލް ރޭ މޮޅުވީ، އަމިއްލަ ދަނޑުގައި ޕެރޫއާ ބައްދަލުކޮށް 0-3 އިންނެވެ. މި މެޗުގެ 22 ވަނަ މިނެޓްގައި ޑަގްލަސް ކޯސްޓާ ބްރެޒިލްގެ ލީޑުނަގައިދިން އިރު، ދެވަނަ ހާފްގެ ކުރީކޮޅު ރެނާޓޯ އައުގުސްޓޯ ވަނީ، އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ބްރެޒިލްގެ ތިންވަނަ ގޯލް މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، އެޓީމުގެ ފުލްބެކް ފިލިޕޭ ލުއިސް އެވެ.

ބްރެޒިލް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ.

ކޮލިފައިންގައި އެންމެ ރަނގަޅު ކުޅުމެއް މިހާތަނަށް ދަށްކަމުން އައި ޗިލީ ވަނީ ރޭ ކުޅުނު މެޗުން އުރުގުއޭ އަތުން 3-0 އިން ބަލިވެފަ އެވެ. އުރުގުއޭ އިން މޮޅަށް ކުޅުނު މި މެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ޑިއޭގޯ ގޮޑިން، އަލްވާރޯ ޕެރޭރާ އަދި މާޓިން ސަސޭރެސް އެވެ.

އެކުއެޑޯ ވަނީ ރޭ 3-1 އިން ވެނެޒުއޭލާ ބަލިކޮށް ކޮލިފައިންގައި އެޓީމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެން އެއް ވަނައިގައި އެޓީމު އޮތީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނުވަ ޕޮއިންޓާ އެކު އުރުގުއޭ އޮތްއިރު، ތިން ވަނައިގައި އޮތް ބްރެޒިލާއި ހަތަރު ވަނައިގައި އޮތް ޕެރަގުއޭ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އާޖެންޓީނާ ހަ ވަނައިގައި އޮތީ ފަސް ޕޮއިންޓާ އެކު އެވެ.