ސްރީލަންކާގައި އިއްޔެ ހަމަލާދިން ދިވެއްސަކަށް އެގައުމުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އައިސީޔޫގައި ފަރުވާދެމުން އަންނަނީ ތ. ވިލުފުށީ ކެނެރީމާގޭ އުމުރުން 45 އަހަރުގެ ނޫރައްދީނަށެވެ.

ނޫރައްދީންގެ އާއިލާއާ ހަވާލާދީ ވިލުފުށީ ކައުންސިލްގެ ކުރީގެ ރައީސް އިބްރާހީމް ޝާފިއު ސަން އަށް މިއަދު ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭނާ އޮތީ ހޭނެތިފައި ކަމަށެވެ.

ޝާފިއު ވިދާޅުވީ ނޫރައްދީނަށް ހަމަލާދީފައި ވަނީ ވިޔަފާރިކޮށްގެން އޮޓޯގައި ގެއަށް ދިޔަ މަގުމަތީގައި އެމެރިކާ އެމްބަސީ ކައިރިން ކަމަށެވެ.

"ހަމަލާދިނީ ކިހިނަކުން ކަމެއް ކޯއްޗަކުން ކަމެއް އަދި އަޅުގަނޑުމެންނަކަށް ނޭނގެ. އާއިލާގެ އެއްވެސް މީހަކު ހަމަލާދިންތަނުގައެއް ނެތް. އަނިޔާލިބުނު ފަރާތް އޮތީ ހޭނެތިފައި ކަމަށްވާތީ އެފަރާތުގެ ބަހެއް އަދި ނުލިބޭ،" ޝާފިއު ވިދާޅުވި އެވެ.

ނޫރައްދީން ސްރީލަންކާއަށް ގޮސް ހުރީ ދަރިފުޅުގެ އޮޕަރޭޝަނެއް ކުރަން އިންޑިއާއަށް ދިއުމުގެ ކުރިން ލަންކާގައި ތިބި އާއިލާގެ ބަޔަކާ ބައްދަލުކުރަން ކަމަށް ވެސް ވިލުފުށީ ކައުންސިލްގެ ކުރީގެ ރައީސް ވިދާޅުވި އެވެ.

ނޫރައްދީންގެ އާއިލާގެ މީހަކު ބުނީ ކުރިން އޭނާ އަށް ފަރުވާދިނީ އެހެން ހޮސްޕިޓަލެއްގައި ކަމަށާއި ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އެހީގައި ލަންކާ ހޮސްޕިޓަލަށް އޭނާ ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ބުނީ އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހައިކޮމިޝަންގެ އެހީގައި މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ލަންކާ ހޮސްޕިޓަލާ ހަވާލާދީ އާއިލާ އިން ބުނީ ނޫރައްދީންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ލަންކާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށާއި ފުލުހުންނާ ބައްދަލުކުރުމަށް މިހާރު އާއިލާގެ ބަޔަކު ގޮސްފައިވާ ކަމަށް އެމީހާ ބުންޏެވެ.

"އާއިލާގެ ބަޔަކު ހިނގައްޖެ ފުލުހުންނާ ބައްދަލުކުރަން. ކުރިން ފުލުހުން އަޅުގަނޑުމެންނަށް މައުލޫމާތުދިން ގޮތުގައި ނޫރައްދީންގެ ބޮލުގެ ފުރަގަހަށް ހަމަލާދިނުމަށް ފަހު އޮޓޯ ތެރެއަށް އޭނާ އެއްލާލީ. ސީސީޓީވީ ފްޓޭޖު ބެލުމުގެ ކަންތައް ވެސް ފުލުހުން އެބަކުރޭ. ފުލުހުންނާ ބައްދަލުކުރަން ދިޔަ އާއިލާގެ މީހުން އައިމަ އިތުރު މައުލޫމާތެއް ލިބޭނީ،" ނޫރައްދީންގެ އާއިލާ އިން ވާހަކަދެއްކި މީހާ ބުންޏެވެ.