18 Nov 2015, 12:24
ހަތްހާސް މެމްބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް އަދާލަތު ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އެމްޑީޕީން ތާއިދުކޮށްފި އެވެ.
ހަތްހާސް މެމްބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް މަޖިލީހަށް ހުށަހެޅުއްވީ އަދާލަތު ޕާޓީގެ ފަރާތުން މަޖިލީހުގައި އިންނަވާ ހަމައެކަނި މެމްބަރު އަނާރާ ނައީމެވެ. ބިލް ހުށަހަޅުއްވަމުން އަނާރާ ވިދާޅުވީ އެ ބިލް ހުށަހެޅުއްވީ އިލެކްޝަން ކޮމިޝަނުން ގެނައި ބަދަލަކާ ގުޅިގެން އަދާލަތު ޕާޓީން 2000 ވުރެ ގިނަ މެމްބަރުން ވަކިވާނެތީ ކަމަށާއި އަލުން އެ މެމްބަރުން ޕާޓީއަށް ވެއްދުމަށް ވަގުތު ނެތުމުން ކަމަށެވެ.
ޕާޓީ ރަޖިސްޓްރީ ކުރިއިރު، ފިންގާ ޕްރިންޓް ނުޖަހާ މެމްބަރުން އަލުން ފިންގާ ޕްރިންޓް ޖެހުމަށް އިލެކްޝަން ކޮމިޝަން އެންގި މުއްދަތުގައި އަލުން ފޯމު ހުށަހަޅަން ވަގުތު ނެތް ކަމަށް އަނާރާ ވިދާޅުވި އެވެ.
ބިލުގެ ބަހުސް މަރުހަލާގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ރާއްޖެއަކީ 100 ޕަސެންޓު މުސްލިމުން އުޅޭ ގައުމަކަށް ވުމުން އަދާލަތު ޕާޓީ ފަދަ ދީނީ ގޮތުން ބަސް ބުނާ ޕާޓީއެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މަސްރަހަށް ހިދުމަތް ކޮށްދޭ ޕާޓީ އެއް ނަމަ އެ ޕާޓީއެއް އޮތުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެތެރެއިން 10،000 މެމްބަރުން ހަމަ ނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުދިނުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 17 ގައެވެ. އަދި އެ ބިލު ތަސްދީގު ކުރައްވާފައިވަނީ އެ މަހުގެ 19 ގައެވެ.
ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރުވެސް ބުނެފައިވާ ގޮތަށް ޕާޓީއެއްގައި މަދުވެގެން 3000 މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް 10،000 މެންބަރުން ހަމަނުވާ ޕާޓީ ތަކަށް ފައިސާ ދޫނުކުރާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.