އައިޖީއެމްއެޗް ވިހެއުމަށްފަހު ދަރިފުޅު ދޫކޮށް މަންމަ ފިލުމުން އެކުއްޖާ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ގެންދިއުމަށް ނިންމައިފި އެވެ.

ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް އަދުނާން "ސަން"އަަށް މިއަދު ވިދާޅުވީ އެ ތުއްތު ކުއްޖާ މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައި ކަމަށާއި އެެހެންކަމުން އެކުއްޖާ ހޮސްޕިޓަލުން ދޫކޮށްލުމުން ކުޑަކުދިންގެ ހިޔާއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އެކުއްޖާ ދޫކޮށްލުމުން އެކުއްޖާ ކުޑަކުދިންގެ ހިޔާއަށް ބަދަލު ކުރެވޭނެ،" ޒީނާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތުއްތު ކުއްޖާގެ މަންމަ ހޯދުނުހާ އަވަހަކަށް އެކުއްޖާގެ މަންމަ އަކީ އެކުއްޖާ ބެލުމުގެ ގާބިލްކަން ހުރި ފަރާތެއްތޯ ބެލޭނެ ކަމަށާއި އެއަށްފަހު ގާބިލްކަން ހުރި ނަމަ ކުއްޖާ ހަވާލުކުރެވޭނެ ކަމަށެވެ. ނަމަވެސް އެފަދަ ގިނަ މައްސަލަތަކުގައި އެފަދަ ބެލެނިވެރިންގެ ގާބިލްކަން ނުހުންނަ ކަމަށް ޒީނާޒް ވިދާޅުވިއެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި، މީގެ ފަސް ދުވަސް ކުރިން އައިޖީއެމްއެޗްގައި ވިހެއި އެ އަންހެން މީހާ "ޑިސްޗާޖް"ކުރުމުން އޭނާ ވަނީ، ދަރިފުޅު ހޮސްޕިޓަލަށް ދޫކޮށްލުމަށް ފަހު ގޮސްފައެވެ. އަދި އެއަށްފަހު ހޮސްޕިޓަލަށް އެނބުރި އައި ނަމަވެސް އަނެއްކާވެސް އެމީހާ ވަނީ، ދަރިފުޅު ހޮސްޕިޓަލަށް ދޫކޮށްލާފައި ގޮސްފައެވެ.