ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމަށް ދެ އަހަރު ވެފައިވާއިރު އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވީ ސީދާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރެއްވުމަށް ކަމަށް ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒު އެހެން ވިދާޅުވީ އޭނާ މިއަދު ކުރައްވާފައިވާ ޓުވީޓެއްގަ އެވެ.

މުއާޒު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ވެރިކަމަށް ދެ އަހަރު ފުރިފައިވާ އިރު އެމަނިކުފާނުގެ ތަރައްގީގެ ދިގު އަތްޕުޅު ނުފޯރާ މީހުން ދިރިއުޅޭ ހިކިފަސް އެއްވެސް ތަނެއް ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މެނިފެސްޓޯގެ ވައުދުތައް ހާސިލު ކުރެއްވެމުން ދަނީ އެ ވަގުތަކު ރައްޔިތުންނަށް އެންމެ ބޮޑަށް ގުޅިފައިވާ ކަންކަމަށް އިސްކަން ދެއްވާ ތަރުތީބުން ކަމަށެވެ.

"ސަރުކާރުގެ ދެ އަހަރު ދުވަހަށް ރިޕޯޓު ފޯމެއް ދެއްވާ ނަމަ މާކުސް ދެއްވާނީ ދިވެހި ރައްޔިތުން. ހެކިވާން ތިއްބެވީވެސް ދިވެހި ރައްޔިތުން،" މުއާޒު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށް ދެ އަހަރު ފުރިފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ރައީސް ޔާމީންގެ ސަރުކާރަށް ދެ އަހަރު ފުރުނު އިރު އެކި ދާއިރާތަކުގެ ތަރައްގީއަށް 730 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ރޭ ވަނީ ވިދާޅުވެފަ އެވެ.

ޒުވާނުންގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް 730 ދުވަސް ވެފައިވާއިރު 730 މިލިއަނަށްވުރެ ގިނަ ރުފިޔާ މިސްކިތްތައް ބިނާކުރުމަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް ހޭދަކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ 730 އަށްވުރެ ގިނަ ރުފިޔާ ތައުލީމާއި ބޭސްފަރުވާގެ ދާއިރާއަށާއި ތިމާވެށި ހިމާޔަތް ކުރުމާއި ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމާއި އިއާދަ ކުރުވަނިވި ހަކަތައިގެ މަޝްރޫތަަކަށް ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަމަ އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ ޒުވާނުންނަށް ބޯހިޔާވައިކަން ހޯދައިދިނުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައި ކަމަށާއި އެގޮތުން ވޭދުވެ ދިޔަ ދެ އަހަރު ތެރޭ 3000 އަށް ވުރެ ގިނަ ފުލެޓް އެޅުމުގެ މަސައްކަތް ފެށި އިތުރު 7000 ފުލެޓް މިފަސް އަހަރު ތެރޭ އެޅިގެންދާނެ ކަމަށެވެ.

ފާއިތުވެ ދިޔަ ދެ އަހަރު ތެރޭގައި ޒުވާނުންގެ ގިނަ ލަނޑުދަނޑިތަކެއް ވަނީ ހާސިލް ކުރެވިފައިކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ، ޒުވާނުން ޒިންމާދާރު ކުރުމުގެ ގޮތުން ދެއަހަރު ތެރޭ 2750 ސްކޯލާޝިޕް ސަރުކާރުން ހޯދައިދީފައިވާ ކަމަށެވެ.