05 Apr 2011, 10:19
ރާއްޖޭގެ ގިނަ ބަޔަކު ރޭ ބަލަމުން ދިޔައީ ހުރިހާ ޓީވީ ޗެނަލްތަކުން ލައިވްކޮށް ފޮނުވަމުންދިޔަ އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައްވައިފައިވާ އެޕާޓީގެ ނައިބު ރައީސް އަދި ޕާޓީގެ ވަގުތީ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިބްރާހިމް ހުސެއިން ޒަކީގެ ކެމްޕޭނު ލޯންޗުކުރުމަށް ރޭ ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެވެ.
ނޫސްވެރިންނަށް ބޭނުން ކޮންމެ ސުވާލެއް ކުރުމަށް ފުރުސަތު ދީގެން ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި ނޫސްވެރިންގެ ހޫނު ސުވާލުތަކެއް ޒަކީއަށް އަމާޒުކުރަމުންދިޔައިރު، ޒަކީ ގެންދެވީ ފިނި ޖަވާބުތަކެއް ގެންދަވަމުންނެވެ.
އެންމެ ފުރަތަމަވެސް ޒަކީއަށް އަމާޒުވީ، ސިޔާސީ ހަޔާތް 2008 ވަނަ އަހަރު ނިންމަވާލައްވާނެ ކަމަށް ވިދާޅުވެ، އެ ބަސްފުޅަށް އަމަލުނުކުރައްވާ މައްސަލައެވެ. ސިޔާސީ ހަޔާތް ކުރިއަށްގެންދަނީ ކޮންވިސްނުމެއްގައި ނޫސްވެރިޔަކު ޒަކީއަށް ސުވާލު ދެންނެވި އެވެ.
ޒަކީ ވިދާޅުވި ގޮތުގައި މިހާރު ވެސް އޭނާގެ އަޒުމަކީ "ޕާޓީއަށް ގެއްލުމެއް ނުލިބޭ ގޮތަށް" ސިޔާސީ ހަޔާތް ނިންމަވާލެއްވުމެވެ. ނަމަވެސް، ކުރިން ވިދާޅުވި ގޮތަށް އަމަލުނުކުރެއްވީ "އަމިއްލަ އެދުމެއް އޮތަސް" ގައުމަށާއި އަދި ޕާޓީއަށް ގެއްލުން ލިބޭނެ ކަމެއް ނުކުރުމުގެ ގޮތުން ކަމަށާއި އަދި ރައީސް މުހައްމަދު ނަޝީދުވެސް ޒަކީގެ ހިދުމަތަށް އެދިވަޑައިގެންނެވުމުން ކަމަށް ވިދާޅުވި އެވެ.
ޒަކީގެ އުމުރުން ގިނަ ދުވަސްވުމުގެ އިތުރަށް ޕާޓީގެ ލީޑާޝިޕް ދޫކޮށްނުލައްވަން ބޭނުންވާ ސަބަބާ ގުޅޭ ގޮތުން ވެސް ނޫސްވެރިން ސުވާލު ތަކުރާރުކުރި އެވެ. ނަމަވެސް، އުމުރުން 64 އަހަރުގެ ޒަކީގެ ޖަވާބު އައީ އެއްގޮތަކަށެވެ. "އަޅުގަނޑު އިސްކަންދެނީ ގައުމަށް ޕާޓީއަށް. އެއީ މިހާތަނަށްވެސް ދިގުދެމިގެންދިޔަ ސަބަބަކީ،" އަދި އިތުރަށް ވިދާޅުވި އެވެ؛ "ގައުމުގެ ދުލުން، ޕާޓީގެ ދުލުން އަޅުގަނޑުގެ ހިދުމަތް ބޭނުންވާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ފެންވަރަށް އެކަން އަޅުގަނޑަށް ޔަގީންވެއްޖެއްޔާ އަޅުގަނޑު ފަހަތަކަށް ނުޖެހޭނަމޭ ކިތަންމެ މުސްކުޅިވިޔަސް،"
ނަމަވެސް، އެންމެ އަވަސް ފުރުސަތެއްގައި "ޕާޓީއަށް ގެއްލުންނުވާނެ ގޮތަށް" ސިޔާސީ ހަޔާތް ނިންމަވާލެއްވުމުގެ އަޒުމެއް އަދިވެސް އެބައޮތް ކަމަށް ޒަކީ ތަކުރާރުކުރެއްވި އެވެ.
ރާއްޖޭގެ ތިން ވެރިކަމުގައި ހިދުމަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ އަދި މިހާރު ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަން އެންވޯއީ ކަމަށްވާ ޒަކީގެ މާޒީއާ ގުޅޭ ގޮތުން ނޫސްވެރިންގެ ގިނަ ސުވާލުތަކެއް ހުއްޓެވެ.
އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަމަށް ފާޑުވިދާޅުވެ، އެމަނިކުފާނަކީ "ކޮރަޕްޓް" އަދި "ހުދުމުތާރު" ވެރިޔެއްކަމަށް މިހާރު އެންމެ ފާޅުގައި ވިދާޅުވާ ޒަކީ، ކުރިން ރައީސް މައުމޫނުގެ ކެބިނެޓުގައި 10 އަހަރު ފުރުއްވައި، އަދި އޭރު އެމަނިކުފާނަށް އޮއްސަމުން ގެންދެވި ތައުރީފްގެ ބަސްތައް ބަދަލުކުރެއްވިއިރު، އެކަން "ޖަސްޓިފައި" ކުރާނީ ކޮން ގޮތަކަށްތޯ ދެންނެވުމުން ވިދާޅުވީ، "ލަދެއްގަ ނުބެދި" އެކަން ވަރަށް ރަނގަޅަށް ސާފުކޮށްދެވެން އެބައޮތް ކަމަށެވެ.
އެގޮތުން ކުރީގެ ސަރުކާރަށް ހިދުމަތްކުރެއްވި އިރުގައި އަބަދުވެސް މަސައްކަތްކުރެއްވީ "އެތެރެއިން" އިސްލާހީ ބަދަލެއް ގެންނަން ކަމަށާއި އެކަން ނުވާނެކަން ޔަގީންވުމުން ކޮޅު ބަދަލުކުރެއްވީ ކަމުގައި ޒަކީ ވިދާޅުވި އެވެ.
އެހެންނަމަވެސް، އޭރުގެ ސަރުކާރުން އިސްތިއުފާނުދެއްވާއިރު، އެންމެފަހުން ޒަކީ ކުރީގެ ސަރުކާރާ ފޭއަށް ޖެހިވަޑައިގަތީ ހަ ވަނަ ދައުރަކަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ހޮވިވަޑައިގެން އެމަނިކުފާނު އެކުލަވާލެއްވި ކެބިނެޓަށް ޒަކީ އައްޔަން ނުކުރެއްވުމުން ނުންތޯ ސުވާލު ދެންނެވުމުން ވިދާޅުވީ، ރައީސް މައުމޫނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް މާކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށެވެ.
"ދިހަ އަހަރު އަޅުގަނޑު ކެބިނެޓުގައި ހޭދަކުރުމުން އަޅުގަނޑަށް އަޅުގަނޑު ޔަގީންވީ މި ބަދަލަކީ ސަރުކާރު ތެރެއިން ގެނެވޭނެ ބަދަލެއް ނޫންކަން. އެވަގުތު އަޅުގަނޑު ދެން އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނޭކަށް ބޭނުމެއް ނޫނޭ."ޒަކީގެ މަޒީއާ ގުޅޭ ގޮތުން ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވި އެވެ. ނަމަވެސް، ޒަކީ އޭރުގެ ކެބިނެޓުން ޖާގައެއް ބޭނުންވެވަޑައިނުގަންވާނެކަމަށް ވިދާޅުވެ، އެފަދަ އެއްވެސް ވާހަކައެއް އޭރު ދައްކަވައިފައިވާކަމުގެ ރެކޯޑެއް މިހާތަނަށް ފެންނާކަށެއް ނެތެވެ.
ޒަކީގެ މާޒީގެ ތެރެއިން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައްވެސް ނޫސްވެރިންގެ ސުވާލުތަކުގެ ލިސްޓުގެ ކުރީގަ އޮތެވެ. އޭގެ ތެރެއިން ޒަކީގެ އަމިއްލަ ގެއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައްވެސް ފާހަގަކުރެވުނެވެ. ނަމަވެސް، ކޮރަޕްޝަނާ ގުޅޭ ހުރިހާ ސުވާލަކަށްހެން ރައްދުދެއްވަމުން ޒަކީ ވިދާޅުވީ، ދައުލަތުގެ އާމްދަނީގެ "ޒައްރެއްގެ" މިންވަރުވެސް ނުނަންގަވާ ކަމަށެވެ.
"އަޅުގަނޑު މިއަދު ވަރަށް އުފާވޭ ލޯނު ސްޓާރުންގެ ލިސްޓުގައި އަޅުގަނޑުގެ ނަން މިއަދު ނެތީމަ..ދަންނަވަންތޯ، ޒަރެއްގެ މިންވަރުވެސް ދައުލަތުގެ އާމްދަނީގައި ތެރެއިން ނޯންނާނެ އަޅުގަނޑު ޖެހިފައެއް. އަޅުގަނޑަށް ހައްގުވާ އެއްޗެއް ދެއްވީމާ އެއީ މުސާރަ ކަމަށްވަންޏާ އެ މުސާރަ އަޅުގަނޑު އިންނާނީ ބޭނުންކޮށްފައި. ދައުލަތުގެ ނާޖާއިޒު ފައިދާ ނަގައިފައެއް ނޯންނާނެ،" ޒަކީ ވިދާޅުވި އެވެ. އަދި އެފަދަ މައްސަލައެއް ޝަރީއަތުގެ ސާބިތުވެފައި ނުވުމަކީ އެކަމުގެ ހެއްކެތް ކަމަށް ޒަކީ ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު އެމްޑީޕީގެ ރައީސްގެ މަގާމަށް ޒަކީ ކުރިމަތިލައްވާފައިވާއިރު، ޕާޓީގެ ރިޔާސަތުންނާއި އަދި ރައީސްގެ އެންވޯއީގެ މަގާމުން އިސްތިއުފާދެއްވަން ކެރިވަޑައިނުގަންނަވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ދެންނެވުމުން ޒަކީ ވިދާޅުވި އެވެ؛ "އަޅުގަނޑެއް ގަބޫލެއް ނުކުރަން އިންތިހާބަކަށް ނުކުންނަ ކޮންމެ ފަހަރަކު މަގާމުން އިސްތިއުފާދޭންޖެހޭނެ ކަމަކަށް،"
އަދި ޒަކީ އެމަގާމުތަކުގައި ހުންނަވައިގެން ނުފޫޒު ބޭނުންކުރައްވާ މައްސަލައިގައި ޒަކީ ވިދާޅުވީ، ރައީސް އޮފީސް ތެރެއިން އެއްވެސް ކެމްޕޭނެއް ނުކުރައްވާ ކަމަށާއި އަދި މިހާތަނަށް ނުފޫޒު ބޭނުންކުރައްވައިފަ ނޯންނާނެ ކަމަށެވެ.
ވެރިކަންކުރާ އެމްޑީޕީގެ އެންމެ އިސް މަގާމަށް ޒަކީއާ ވާދަކުރައްވާ އޭނާއަށް ވުރެ އެތައް ތަނެއް އުމުރުން ހަގު، ޑރ. އިބްރާހިމް ދީދީ )ޑރ. ޑީޑީ( އަށް ޒަކީ ފާޑުވިދާޅެއްނުވެ އެވެ. ނަމަވެސް، މިފަދަ މުހިންމު ދަނޑިވަޅެއްގައި ޕާޓީ ހިންގުމަށް އެންމެ އެކަށީގެންވާނީ ތަޖުރިބާހުރި ބޭފުޅެއް ކަމަށް ޒަކީ ވިދާޅުވި އެވެ.
މިމަހުގެ 30 ވަނަ ދުވަހު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ކުޑަތަންވަމުންދާއިރު، ގިނަ ބަޔެއްގެ ސަމާލުކަން ދެވިފައިވަނީ އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވައި ޑރ. ޑީޑީއާއި ޒަކީއާ ދެމެދު މިހާރު ފޯރިގަދަވަމުންދާ ކެމްޕޭނަށެވެ. ބައެއް ފަރާތްތަކުން ބުނަނީ، އިދިކޮޅު ޑީއާރްޕީ ތެރޭ އެޅިފައިވާ ފަދަ ރެނދުތަކެއް އެމްޑީޕީ ތެރޭ ވެސް އުފެދި، މަޑުމަޑުން ފޭވަމުން އަންނަ ކަމަށެވެ. ނަމަވެސް، ޕާޓީގެ ހަމަޖެހުމަށާއި ޑިމޮކްރެޓިކް އުސޫލުތަކަށް ބުރޫ އެރުމެއް ނެތި އިންތިހާބު ކާމިޔާބުކުރެއްވުމަށް ދެބޭފުޅުންވެސް ވަނީ ނިންމަވައިފަ އެވެ.