18 Nov 2015, 11:41
ޗައިނާގެ ސެންޓަރަލް މިލިޓަރީ ކޮމިޓީގެ މެމްބަރު އަދި ނޭވީ ކޮމާންޑަރު އެޑްމިރަލް ވު ޝެންގްލީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ ފުރާ ވަޑައިގަންނަވައިފި އެވެ.
އެޑްމިރަލް ވު ޝެންގްލީއަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ދެންނެވީ ޑައިރެކްޓަރޭޓް އޮފް ކައުންޓަރ ޓެރަރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ.
އެޑްމިރަލް ވު ޝެންގްލީގެ މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ އަހުމަދު ޝަރީފް އާއި ބައްދަލު ކުރައްވާފައިވާ ކަމަށާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި އަސްކަރީ ގުޅުމާބެހޭ ގޮތުން އެ ދެބޭފުޅުންގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އަދި ޗައިނާއިން ރާއްޖޭގައި އަޅައިދިނުމަށް ހަމަޖެހިފައިވާ ބްރިޖާ ގުޅޭގޮތުން އެ ދެބޭފުޅުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި، އެފަދަ ކުންފުނިތަކަކީ ބްރިޖު އެޅުމުގައި ތަޖުރިބާ ހުރި ކުންފުނިތަކެއް ކަމަށް ވު ޝެންގްލީ ފާހަގަ ކުރައްވާފައިވާ ކަމަށްވެސް އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައި ވެއެވެ.
އެމްއެންޑީއެފް އިން ބުނީ ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުންނާއި، ދިވެހި ސިފައިންނަށް އަސްކަރީ ތަމްރީނު ދިނުމާއި ގުޅޭގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި އެޑްމިރަލް ވު ޝެންގްލީ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކަމަށެވެ.