18 Nov 2015, 11:34
ރާއްޖޭގެ ފުޓްބޯޅަ ސިޔާސީވެ ދާއިރާގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާ ކަމަށް ނިއުރޭޑިއަންޓްގެ ކުރީގެ ކޯޗް އަދި ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ސޮބާހް މުޙައްމަދު (ސޮބާ) ބުނެފި އެވެ.
ސަން ޓީވީގެ 'ކުޅިވަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ސޮބާ ބުނީ، ފުޓްބޯޅައިގެ އެންމެ އެތެރެއަށް ވެސް ސިޔާސީ ކަންތައް ވަދެފައިވާ ކަމަށާއި އޭގެ ސަބަބުން ފުޓްބޯޅައިގެ ކުރިމަގު އުޖާލާކޮށް ނުފެންނަ ކަމަށެވެ.
ސޮބާ ބުނީ، ފުޓްބޯޅައިގެ ކުރި މަގަށްޓަކައި ރަނގަޅު ޕްލޭނެއްގެ ދަށުން ގެންދިއުމުގައި ވެސް ސިޔާސީކަންތައް ފުޓްބޯޅައިގެ ތެރެއަށް ވަނުމުން އެކަންކަމަށް ހުރަސް އެޅެމުންދާ ކަމަށެވެ.
"މިކަމުގައި އުޅުއްވާ ބޭފުޅުންނަށް އާދޭހާއެކު އަޅުގަނޑު ގޮވާލަން، މީގެ ތެރެއަށް ސީޔާސީ ކަންތައް ނުވައްދާށޭ އޭގެ ސަބަބުން ފުޓްބޯޅައަށް ގެއްލުން ވަމުން އެބަދެޔޭ،" ސޮބާ ބުންޏެވެ.
އޭނާ ބުނީ، ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ކުރިމަތިލުންތަކުގައި ހިލޭ ދަނޑަށް ވަންނަން އޮންނައިރުވެސް އެންމެ ގިނައިން ދަނޑަށް ވަންނަނީ ފަންސާހަކަށް މީހުން ކަމަށާއި، ސިޔާސީ ކަންކަމުން އެއްކިބާވެ ފުޓްބޯޅައިގައި ކުރިން އޮތް ފޯރި ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"މިހާރު ގައުމީ ޓީމުގައި ހުރި ކޯޗަކީ ތަފާތު މޮޅު ކޯޗެއް. ކޯޗުގެ ބެލުމުގެ ދަށުން ރަނގަޅު ސްޓްރަކްޗާއެއް ހަދައިގެން ޕްލޭން ދަށުން މަސައްކަތް ކޮށްފިނަމަ ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭ އަޅުގަނޑުމެންނަށް ނަތީޖާ ނެރޭވޭނެ. ނަމަވެސް މިހާރު ކަންކަން އޮތްގޮތުން އެހާ ރަނގަޅަކަށް ނޫން ދަނީކީ،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ، މިސިޒަންގައި އެކި ކަންކަމާ ހެދި ސީޒަން ބްރޭކްވުމުގެ ސަބަބުންވެސް ކުޅުންތެރިންނަށާއި ޓީމުތަކަށް އަސަރު ކުރަމުންދާ ކަމަށާއި އަދި މެޗް ކުޅޭނެ ތާރީޚަކީ ކޮބައިކަމެއްވެސް ސަޕޯޓަރުންނަށް ނޭނގޭ ކަމަށް ސޮބާ ބުންނެވެ.