18 Nov 2015, 11:49
އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ މުބާރާތުގެ ފަހު ދެ ޖާގަ ޑެންމާކާއި ސްވިޑެންއިން ކަށަވަރު ކޮށްފި އެވެ.
ސްވިޑެން ރޭ ކުޅުނު ޕްލޭއޮފްގެ ދެ ވަނަ ލެގު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ. ނަމަވެސް ފުރަތަމަ ލެގުން 1-2 ގެ ނަތީޖާއިން ސްވިޑެން މޮޅުވެފަ އޮތުމުން އެ ޓީމު ކޮލިފައިވީ 2-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ޑެންމާކް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ޑެންމާކުން ދިޔައީ ސްވިޑެންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އެޓީމުން ވަނީ ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެހެން ނަމަވެސް ސްވިޑެން އިން ވަނީ ފުރަތަމަ ހާފްގެ 19 ވަނަ މިނަޓުގައި އިބްރާހިމްވިޗްގެ ލަނޑުން މެޗުގައި ލީޑު ނަގާ ޑެންމާކު ހާސްކޮށްލާފަ އެވެ.

ޑެންމާކާއި ސްވިޑެން ބައްދަލުކުރި މެޗްގައި ސްވިޑެން ގެ ޒަލްޓަން ބޮލުން ޖަހަނީ --- ފޮޓޯ:އޭޕީ
މި މެޗުގެ ދެވަނަ ހާފް ފެށިގެންވެސް ޑެންމާކުން ދިޔައީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޓީމުން ވަނީ ސްވިޑެންގެ ހާފަށް ބާރުބޮޑުކޮށް ގާތްގާތުގައި އެޓީމުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
ޑެންމާކަށް މި މެޗުގައި އިތުރު މައްސަލަތަކާ ދިމާވީ މެޗުގެ 76 ވަނަ މިނަޓުގައި އިބްރާހިމްވިޗް ކާމިޔާބުކުރި ހިލޭ ޖެހުން ގޯލުތެރެއަށް ވަނުމުންނެވެ. އެގޮތުން ޑެންމާކުން މެޗުގައި ކުރަން ޖެހުނު މަސައްކަތް ގިނަ ވެގެން ދިޔަ އެވެ.
އެހެން ނަމަވެސް ޑެންމާކުން ވަނީ ހިތްވަރު ގެއްލުވާ ނުލައި މެޗުގައި އެޓީމުން ދައްކަމުން ދިޔަ ރަނގަޅު ކުޅުން ދައްކަމުން ގޮސް 82 ވަނަ މިނެޓުގައި ޔޫސުފް ޕޯލްސަން ގެ ލަނޑުން ތަފާތު ކުޑަކޮށް އިތުރު ވަގުތުތެރޭ ވެސްޓެގާޑްގެ ލަނޑުން އެއްވަރުކޮށްފައެވެ.
މި މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް ޑެންމާކް ފުރަތަމަ ލެގުން ބަލިވެފައިވުމާ އެކު ޔޫރޯ އަށް ކޮލިފައިވާގޮތެއް ނުވި އެވެ.

ޔޫކްރެއިން ގޯލް ޖެހުމަށް ފަހު އެ ޓީމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ:އޭޕީ
ޔުކްރޭން ޔޫރޯއަށް ކޮލިފައިވީ، ޕްލޭއޮފްގެ ދެވަނަ ލެގުގެ މެޗުގައި ރޭ ސްލޮވީނިއާ އާއި 1-1 ގެ ނަތީޖާއިން އެއްވަރުކޮށް، އެގްރިގޭޓް ނަތީޖާގެ ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ޔުކްރޭނުންނެވެ.
ސްލޮވީނިއާގައި ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި، ސެޒާ ވަނީ ސްލޮވީނިއާއަށް މެޗުގެ ލީޑުނަގައިދީފައެވެ. ސްލޮވީނިއާއިން ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކި ނަމަވެސް، އެޓީމަށް ތަނަވަސްކުރެވިފައިވަނީ ގޯލްޖަހާނެ މަދު ފުރުސަތުތަކެކެވެ.
މި މެޗުގެ ނަތީޖާ ޔުކްރޭންއަށް މެޗުގެ 90 ވަނަ މިނެޓްގައި އެއްވަރުކޮށްދިނީ، ޔާމޮލެންކޯއެވެ.
ސްވިޑެން އާއި ޔުކްރޭން ކޮލިފައިވުމުން، އަންނަ އަހަރުގެ ޔޫރޯގައި ވާދަކުރާނެ ހުރިހާ ޓީމެއް މިހާރު ވަނީ ޔަގީންވެފައެވެ. މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގައެވެ.