18 Nov 2015, 10:42
ރާޖަން މެނަން ޑައިރެކްޓްކޮށް ނިކިލް އަދްވާނީ ޕްރޮޑިއުސްކޮށްފައިވާ ފިލްމު "އެއާ ލިފްޓް"، ސްކްރީން ތަކުގައި އެޅުވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އަހަރުގެ ޖެނުވަރީ 22 ވަނަ ދުވަހު އެވެ.
ލީޑު ރޯލުތަކުން އަކްޝޭ ކުމާރާއި ނިމްރަތު ކައުރް ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ޓީޒާރ މިހާރު ރިލީޒްކޮށްފައިވާ އިރު، އަކްޝޭވެސް އަންނަނީ ފިލްމާއި ގުޅޭ ގޮތުން ގިނަ ޓްވީޓުތަކެއް ކުރަމުންނެވެ.
1990 ވަނަ އަހަރު ކުވައިތާއި އިރާގުން ކުރި ގަލްފް ހަނގުރާމައިގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމުން ފެނިގެންދާނީ ކުވައިތުގައި ތިބި އިންޑިއާގެ ރައްޔިތުން ސަލާމަތްތެރި ކަމާއެކު އެ ގައުމަށް ގެންދިއުމަށް އިންޑިއާއިން ކުރާ މަސައްކަތެވެ.
ކްވައިތުގައި ދިރިއުޅޭ މުއްސަނދި އަދި ކާމިޔާބު އިންޑިއާ މީހެއްގެ ރޯލު އަކްޝޭ މި ފިލްމުގައި އަދާ ކުރާއިރު، ނިމްރަތު ކައުރް ފެނިގެންދާނީ އޭނާގެ އަންހެނުންގެ ގޮތުގައެވެ.
އަކްޝޭ އާއި ނިމްރަތުގެ އިތުރުން ޕޫރަބް ކޯލީ އަދި ޕްރަކާޝް ބެލަވާދީ، މުހިއްމު ރޯލުތަކުން ފެނިގެންދާ މި ފިލްމުގެ ބޮޑު ބައި ޝޫޓް ކޮށްފައި ވަނީ އިންޑިއާގެ ރާޖަސްތާނާއި ޔޫއޭއީ ގައެވެ.